ޖުމުލަ 18 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލްގެ ތުނޑީ ރަމަޟާން ކަޕް 2023 މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.
ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާ އެކު އެތައްފަހަރަކު ބާއްވާފައިވާ މުބާރާތެކެވެ. މި މުބާރާތަކީ ތުނޑީ ރަމަޟާން ކަޕްގެ ނަމުގައި ބާއްވާ 20 ވަނަ މުބާރާތެވެ.
މުބާރާތުގައި ބައިވެރިވުމަށް 20 ޓީމަކަށް ފުރުސަތު ހުޅުވާލި ނަމަވެސް މިފަހަރުގެ މުބާރާތުގައި ބައިވެރިވީ 18 ޓީމަކުންނެވެ. ޖުމުލަ 18 ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، މުބާރާތް ކުޅޭނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގުރޫޕުގައި ހިމެނޭ 18 ޓީމުން ޖުމުލަ 32 މެޗު ކުޅޭނެއެވެ.
ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ދާ ގޮތަށް މުބާރާތް ތާވަލު ކޮށްފައިވާ އިރު، ގުރޫޕް އޭއާއި ބީގައި، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ. ބާކީ އަނެއް ދެ ގްރޫޕުގައި، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ.
ލ.ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 2023 ގައި ބައިވެރިވި ޓީމުތައް
1 - އައިޑެލްސް،
2 - ލާމު ޔޫތް މޫވްމަންޓް،
3 - ސެންޓްރަލް އޭރިއާ ކޮމާންޑް،
4 - ބްރޭވް ޖެނެރޭޝަން އެސްސީ،
5 - ފޮއެމަތި އެފްސީ،
6 - އަނދިރިއަންސް،
7 - ރަސްހިންނެ އެސްސީ،
8 - އައުޓްރީފް އެސްސީ،
9 - ރަސްހިންނެ ޑިޓްރޮއިޓްސް،
10 - ކަންމަތި އެސްސީ،
11 - ފޮއެމަތި،
12 - ޑީކޭއެސްޒެޑް އެސްސީ،
13 - ސުބަރު،
14 - ސްޕާކް ޕްލަގް،
15 - ޔޫތް ރިވޮލިއުޝަން ކުލަބް،
16 - މަތިވަރު ޖޭއާރު،
17 - ރަސްހިންނެ ފަލްކޮންސް
18 - ބެސްޓް ބޯއީސް.
ކުރިން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މުބާރާތުގެ ފޯރި ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން ފުޓްސަލްގެ ތަރިން ފެންނާނެއެވެ. އެގޮތުން ނިމިދިޔަ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ރަންތަށި ނެގި ލ. ގަން ފުޓްސަލް ޓީމުގެ ގިނަ ކުޅުންތެރިން މި މުބާރާތުން ފެންނާނެއެވެ. އޭގެ އިތުރުންވެސް އެ މުބާރާތުގައި ކުޅުނު ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ނަން މަޝްޙޫރު ކުޅުންތެރިން މުބާރާތުގައި ކުޅޭނެއެވެ. އޭގެ ތެރޭގައި އަލީ ހާފިޒ (ހާއްޕެ)ް އާއި އިބްރާހީމް އަޝްވަދު (ގަބޭ) ފަދަ ކުޅުންތެރިން ފެނިގެންދާނެއެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗު މިރޭ އޮންނާނެއެވެ. ގުރޫޕް ސްޓޭޖުގައި މިރޭ 21:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އައިޑަލްސް އާއި ލާމު ޔޫތް މޫވްމަންޓް (ލީމް) އެވެ. ދެވަނަ މެޗު 22:30 ގައި ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ސެންޓްރަލް އޭރިއާ ކޮމާންޑާއި ބްރޭވް ޖެނެރޭޝަން އެސްސީއެވެ.
ލ.ގަން ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް