ބޮލީވުޑްގެ ބަތަލާ އަދި ޕްރިޔަންކާ ޗޯޕްރާގެ ދެބެންގެދެދަރި ކޮއްކޮ ބަތަލާ ޕްރިނިތީ ޗޯޕްރާ، އިންޑިއާގެ އެންމެ ޒުވާން މަޖިލީސް މެމްބަރާއި ކައިވެނި ކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޕަރިނިތީ ރައްޓެހިވެގެން އުޅެނީ ޕަންޖާބްގެ މަޖިލީސް ރާޖްޔަ ޝަބާގައި އެ ގައުމުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) ތަމްސީލް ކުރާ ރާގަވް ޗަދާ އާއި އެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ މާ ގިނަ ދުވަސްވިކަމަށް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދެ މީހުން އެގުގައި އެންމެ ފުރަތަމަ ފެނުނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ރެސްޓޯރެންޓަކަށް ކެއުމަކަށް ދިޔަ ހިސާބުންނެވެ. އެ ވާހަކަ މީޑިއާގައި ދައްކާ ނުނިމިގެން އުޅެނިކޮށް އޭއޭޕީގެ ލީޑަރަކު ވަނީ ޕަރިނީތީ އާއި ރާގަވަށް މަރުހަބާ ކިޔައި ޓުވީޓެއް ކޮށްފައި އެވެ.
އެ ޓުވީޓާއި އެކު ދެމީހުންގެ މެދުގައި ގުޅުމެއް އޮތްކަން ކަށަވަރުވެފައިވާއިރު ގިނަ މީހުން ގަބޫލު ކުރީ އެންގޭޖްވެސް ވެފައިވާ ކަމަށެވެ. އެކަމަކު އެކަން ޔަގީން ނުވާކަމަށް ބުނެފައިވެ އެވެ.
އެ ދެ މީހުން ދަންނަ މީހަކު މީޑީއާގައި ބުނީ ދެމީހުން ކައިވެންޏަށް ތައްޔާރުވަމުންދާ ކަމަށެވެ. ދެ ފަރާތުގެ އާއިލާއިން މިހާރު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު މާބޮޑު ހަފްލާއެއް ބާއްވާ ވާހަކަ ނުދައްކާ ކަމަށް އެމީހާ ބުންޏެވެ.
ޕަރިނީތީ އާއި ރާގަވް އަކީ އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން އެކުގައި މަތީ ތައުލީމު ހާސިލް ކުރި ދެމީހުންނެވެ. ދެމީހުންގެ އެކުވެރިންނަކީވެސް އެއް ބައެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޕަރިނީތީ އެންމެ ފަހުން ރައްޓެހިގެން އުޅުނީ ޑައިރެކްޓަރު މަނީޝް ޝަރުމާއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް