އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ދިރިއުޅޭ ގެކޮޅު ހުސް ކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ލޮކް ސަބާއިން އަންގައިފި އެވެ.
ރާހުލް ދިރިއުޅެމުން ގެންދަވަނީ މަޖިލީސް މެމްބަރުންނަށް ދައުލަތުން ހަމަޖައްސައިދޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހަމަޖައްސައި ދީފައިވާ ބަންގަލޯއެއްގައި އެވެ. 2005 ވަނަ އަހަރުން ފެށިގެން ލޮކް ސަބާގެ މެމްބަރުކަން ކުރައްވާތީ އޭނާ ދިރިއުޅުއްވަނީ އެ ގޭގައި އެވެ.
އެ ގެ ހުސް ކުރަން އެއް މަސްދުވަހުގެ މުހުލަތެއް ދީފައިވެ އެވެ. ގެ ހުސްކުރަން އަންގާފައި މިވަނީ ރާހުލްގެ މަޖިލީސް މެމްބަރުކަން ގެއްލިފައިވާ ކަމަށް ގާނޫނު ހަދާ މަޖިލީހުން އެންގުމުންނެވެ.
އެގޮތަށް އެންގީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ކޯޓަކުން އޭނާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. 2019 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ކެމްޕެއިން ތެރޭގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާގެ މައްޗަށް ސާބިތުވީ އަބުރުގެ ދައުވާ އެވެ.
އިންޑިއާގެ ގާނޫނު ބުނާގޮތުން ދެ އަހަރުގެ ޖަލު ހުކުމެއް މަޖިލީސް މެމްބަރަކަށް އަތުވެއްޖެ ނަމަ އޮޓަމެޓިކުން އެ މެމްބަރެއްގެ ގޮނޑިގެއްލޭނެ އެވެ. އެކަމަކު އެ މެމްބަރަކު މަޖިލީހުން ވަކި ކުރިކަން އިއުލާނު ކުރަންޖެހޭނީ އިސްތިއުނާފު މަރުހަލާއިން ދައުވާ ސާބިތުވާ ކަމަށް ނިންމައިފި ނަމަ ބުނެފައިވެ އެވެ.
ކޮންގްރެސް ޕާޓީން ދަނީ އެ މަރުހަލާ ނުނިމެނީސް ރާހުލް މަޖިލީހުން ވަކި ކުރިކަން އިއުލާނު ކުރުމުން ހިތް ހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ގެ ހުސް ކުރަން އެންގުމުން ރާހުލް ވަނީ ގެ ހުސްކުރާނެ ކަމަށާއި އެ ގޭގައި އުފާވެރި ހަނދާންތަކެއް ވާކަމަށް ވިދާޅުވެފައި އެވެ.
2019 ވަނަ އަހަރުގެ ކެމްޕެއިން ތެރޭގައި ޖަލްސާއެއްގައި ރާހުލް ވިދާޅުވެފައިވަނީ ގާނޫނުގެ ތެރެއިން މަޑުން ތިބެގެން އިންޑިއާގައި ލާއިންސާނީ އަމަލުތައް ހިންގަނީ ބީޖޭޕީން ކަމަށެވެ. އޭނާ ވިދާޅުވީ އާއިލީ ނަމުގައި މޯދީ ހުންނަ ހުރިހާ އެންމެންނަކީ ވަގުން ކަމަށެވެ.
ރާހުލަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި އެވެ. އޭނާ 30 ދުވަހަށް ދޫކޮށްލާފައި ހުުރި އިރު ރިޕޯޓުތައް ބުނާގޮތުގައި އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ފައިސާ ދައްކައިގެން މުއްދަތު ޖެހޭނީ އިތުރު ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް