ވާހަކަ: އެދެވޭތީ އަދު ބުނަމޭ - ފަހުބައި

ކުރީގެ އަދަދާއި ގުޅޭ... އެހިނދު އާކިން ރޫބީއަށް ބަލައިލުމެއްވެސް ނެތި ގޮސް ގެއިން ނިކުތެވެ. ތަނުގައި ރޫބީ އެކަނިވުމާއެކު ފުންނޭވައެއް ދޫކޮށްލެވުނެވެ. އެހިނދު އޭނާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔަ...

29 Mar 2022 | 17:58

ކުރީގެ އަދަދާއި ގުޅޭ...

އެހިނދު އާކިން ރޫބީއަށް ބަލައިލުމެއްވެސް ނެތި ގޮސް ގެއިން ނިކުތެވެ. ތަނުގައި ރޫބީ އެކަނިވުމާއެކު ފުންނޭވައެއް ދޫކޮށްލެވުނެވެ. އެހިނދު އޭނާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. މިނިންމުމަކީ ޙުދު އޭނާއަށްވެސް ފަސޭހަ ނިންމުމެއް ނޫންކަން ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ.

***************

ފެން މާގަނޑު ދޫކޮށްލައިގެން ހުރި ސައިފްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ރޫބީ އޭނާ ކައިރީގައި ދެއްކި ވާހަކަ ތަކެވެ. ނަޖުވާ އާއި އާކިން އިންނަން އުޅޭ ވާހަކަ ރޫބީ ބުނި ހިނދު އޭނާގެ ހިތުގެ ތެޅުންވެސް ހުއްޓުނު ކަހަލައެވެ. ކުރިންވެސް އޭނާ ހުރީ އެފަދަ ހަބަރަކަށް ތައްޔާރުވެގެން ނަމަވަސް އެވާހަކަ އިވުމުން ވީގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ. ރޫބީ އެދުނީ އެކައިވެނީގެ ހެކިވެރިއަކަށް ސައިފް ވެދިނުމަށެވެ.

މުއީންގެ ޖަނާޒާ ތެރެއިން ނަޖުވާގެ ހިތް ވަރަށް ސާފުކޮށް އޭނާއަށް އެނގިގެން ދިޔައެވެ. އެތަން ދޫކޮށް އޭނާ ދިޔަ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. އޭނާގެ ހިތުގައި ނަޖުވާއާ މެދު އޮތް ފަދަ އިހުސާސެއް ނަޖުވާގެ ނެތް ކަން އެނގުމުންނެވެ. އޭނާ ހުރީ އެނބުރި ނަޖުވާގެ ހަޔާތަށް ނާންނަން ނިންމައިގެންނެވެ. ނަމަވެސް ނަޖުވާ އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަން އެނގުމުން އަންނަން އޭނައަށް މަޖުބޫރުވީއެވެ. ނަދީމާ ބަލާ އަލުން އެރަށައް އޭނާ ދިޔައީވެސް ނަޖުވާގެ އުފާ އޭނައަށް މުހިންމުވީ ވަރުންނެވެ. މިއަދު ނަޖުވާ އުޅުނުގޮތުން ހިނދުކޮޅަކަށް އޭނާގެ ވިސްނުން ބަދަލުވެ ނަޖުވާ ދެކެ ލޯބިވާ ވާހަކަ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް ރޫބީ އެދެއްކި ވާހަކައިން އަނެއްކާވެސް އޭނާގެ ޙިޔާލު ބަދަލުވެއްޖެއެވެ. ނަޖުވާގެ ކައިވެނީގައި ބައިވެރިވެދިނުމަށް ރޫބީ އެދުނު އެދުން އޭނާ ފުރިހަމަކޮށްދޭނެއެވެ. އެހެންނަމަވެސް ދެން އޭގެ ފަހުން އޭނާ އަބަދު އަބަދަށް ނަޖުވާ ހަޔާތުން ދުރަށް ދާނެއެވެ.

***********

އެނދުގައި އިން އައްބާސް ހިމޭނުން އިނެވެ. ހުރާޝާ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ އެހުންނަނީ ރީނާގެ އިންތިޒާރުގައެވެ. ރޫބީއާއި އާކިން ކުރަން އެއުޅޭ ކަންތައް ހުއްޓުވޭނެ ހަމައެކަނި މީހަކީ ރީނާ ކަމަށްވާތީއެވެ.

" އައްބާސް ހަމަ އެއްވެސް އެއްޗެއް ނުބުނާނަންތަ؟ އަހަރެން މިވަރަށް ހާސްވެގެން އުޅޭއިރުވެސް އައްބާސް ތިއިންނަނީ ކިހިނެއްވެފަ؟" ހުރާޝާ ބުންޏެވެ.

" ފުރަތަމަ ކަމަކަށް ހުރާޝާގެ ރުޅި މަޑުކުރަންވީނު.. ހުރާޝާ ކީއްވެތަ ނަޖުވާ ދެކެ ތިހާ ރުޅި އަންނަނީ؟.." އެންމެފަހުން އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު އައްބާސް ކޮށްލިއެވެ.

" އެނަދީމާއާއި ނަޖުވާގެ މާބޮޑު ތަފާތެއް ހުންނާނެހެން ހީވޭތަ؟ ނަދީމާ ގޮތަށް އެނަޖުވާއަކީވެސް ބޮޑު ބަޑިއެއް.. އޭނާ އަހަރެމެންގެ ދިރިއުޅުމަށް އައިސް މިދިރިއުޅުން ހަލާކުކޮށްލަން އަހަރެން ބޭނުމެއް ނޫން.." ހުރާޝާ ބުންޏެވެ. އައްބާސް މަޑުމަޑުން ތެދުވެ ހުރާޝާ ކުރިމަތީގައި ހުއްޓުނެވެ. ހުރާޝާގެ ދެފަރާތުން އަތުގައި ހިފައިލަމުން އެދެއަތުގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ.

" އެވަރުގެ ކުޑަ ކުޑަ ކަމަކާތަ ހުރާޝާ ތިރުޅި އަންނަނީ... ނަޖުވާ ވިހެއީ ނަދީމާ ކަމުގައިވިޔަސް ރަނގަޅު ތަރުބައްޔަތެއްގައި ބަލައިބޮޑުކުރީ ހުރާޝާގެ އެންމެ ގާތް އެކުވެރިޔާ ރީނާއާއި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މުއީން.. އެދެމީހުންގެ ތަރުބިއްޔަތާ މެދު ހުރާޝާ ސުވާލު އުފެދޭތަ؟ " އައްބާސް އަހައިލިއެވެ. ހުރާޝާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދޮރަށް އެރީ ރީނާއެވެ.

" ތެންކްގޯޑް ރީނާ.. އަހަރެން މިހުންނަނީ......" ހުރާޝާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ރީނާގެ ފަހަތުން ނިކުތް ނަދީމާ ފެނިފައެވެ. ދެލޯ ބޮޑުކޮށްގެން ހުރާޝާ އަށް ނަދީމާއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނަދީމާވެސް ފެނުމުން އައްބާސްއަށްވެސް ފެނުނީ ހައިރާންކަމެކެވެ.

" އަހަރެންނަށް އެނގޭ ހުރާޝާ އަހަރެން ތިގެނައީ ކޮން ވާހަކައެއް ދައްކަންވެގެންކަން.. އަހަރުމެންނަށް ރޫބީ ހުރިހާ ވާހަކައެއްވެސް ކިޔައިދީފި.. ތެދުތެދަށް ބުނަންޏާ އަހަރެންގެ ދަރިފުޅުގެ ހިތްވަރާ މެދު އަހަރެން ފަހުރުވެރިވޭ.. އާކިންވެސް އަދި ނަޖުވާއަށްވެސް އެމީހުންނަށް ހައްޤުވެގެންވާ އުފަލާއި ހިތްހަމަޖެހުން ލިބެންޖެހޭ.." ރީނާ ވާހަކަ ދެއްކިއެވެ.

" ރީނާވެސް އެމީހުންނާ އެއްބައިވީތަ؟ ހަނދާން ނެތުނީތަ މިހިރަ ނަދީމާ ތެޅުނު ވައްތަރު.. ނަޖުވާ އެއީ އޭނާގެ ލޭ.. މީނަ އުޅުނު ގޮތަށް ނަޖުވާވެސް އުޅޭނީ.." ހުރާޝާ ބުންޏެވެ.

" ހުއްޓާލާ ހުރާޝާ.. އަހަރެމެން ދެމީހުންގެ އޮތް ރަޙުމަތްތެރި ކަމަށްޓަކާ އެއްޗެއް ނުބުނަން މިވީހާ ދުވަހު އަހަރެން މިހުންނަނީ.. އެކަމަކު ދެން މިހާރު ފުދިއްޖެ.. ނަޖުވާދެކެ ހުރާޝާ ތިއަންނަނީ ހައްޤު ރުޅިއެއް ނޫން.. ނަޖުވާ ބަލައިބޮޑުކުރީ އަހަރެން.. އެހެންވީމަ ނަޖުވާއަށް ލިބިފައި ހުންނާނީ އަހަރެން ދިން ތަރުބިއްޔަތެއް.. ހުރާޝާ ސުވާލު ތި އުފައްދަނީ އަހަރެންގެ ތަރުބިއްޔަތާ މެދު.. " ރީނާ ބުންޏެވެ. ހުރާޝާއަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. ރީނާ އޭނާއާ އެފަދަ މޭރުމަކުން ވާހަކަ ދެއްކީމީ ފުރަތަމަ ފަހަރެވެ. އޭނާ ބަލަ ބަލާ ހުއްޓާ ނަދީމާ ކުރިއަށް ޖެހިލިއެވެ. އޭނާ ގޮސް ހުއްޓުނީ ހުރާޝާގެ ކުރިމަތީގައެވެ.

" އަހަރެންނަށް މައާފު ކުރޭ ހުރާޝާ.. ޤަބޫލުކުރަން ޅައިރު އަހަރެންނަށް ހުރާޝާއަށް ވަރަށް އުނދަގޫ ކުރެވުނުކަން.. އެކަމަކު އެއީ ސަބަބެއް ނެތިއެއް ނޫން.. ރީނާ އަހަރެންނަށްވުރެ ބޮޑަށް ހުރާޝާއާ ގާތްކޮށް އުޅޭތީ އަހަރެންނަށް އެކަން ބަލައިނުގަނެވުނީ.. އަހަރެން އައްބާސް އަށް އެފަދަ ނަޒަރަކުން އޭރު ބަލަން ފެށީ ހަމަ ހުރާޝާއަށް ޖެއްސުމަށް.. އެކަމަކު އައްބާސްއަކީ ވަފާތެރި ތެދުވެރި އިންސާނެއް.. އޭރުވެސް އަހަރެންނަށް އެނގުނު އައްބާސް ހުރާޝާދެކެ ލޯބިވާ ވަރު.. މާޒީގައި އަހަރެންނަށް އުޅެވިފައި ހުރީ ރަނގަޅަކަށް ނޫން.. އެކަމުގެ ހިތި ނަތީޖާ އަހަރެންނަށް ފެނިއްޖެ.. އަހަރެންނާ ހަޔާތުގައި ދިމާވި ހިތްދަތި ކަންތައްތައް އެއްވެސް އެހެން މީހަކަށް ދިމާނުވުން އަހަރެންގެ ދުޢާ އަކީ.. ކުރެވުނު ހުރިހާ ފާފައަކަށް އަހަރެން ތަޢުބާ ވެއްޖައިން.. " ހުރާޝާގެ ކުރިމަތީގައި އަތް ޖޯޑުކޮށްގެން ހުރެ ނަދީމާ ބުންޏެވެ. އޭނާގެ ދެލޮލުން އޮހެމުން ދިޔަ ހޫނު ކަރުނަ ފެނި ހުރާޝާގެ ރުޅިގަނޑު ފިނިވިއެވެ. މިހުރިހާ ދުވަހު އޭނާ އިންތިޒާރު ކުރަމުން ދިޔައީ ނަދީމާ އޭނާ ކައިރިން މައާފަށް އެދޭނެ ވަގުތަކަށް ކަހަލައެވެ.

" ހުރާޝާ.. ތީ ގޯސް މީހެއް ނޫން.. ތިކަހަލަ ރަޙުމަތްތެރިއަކު، އަނތްބަކު، އަދި މަންމައަކު ލިބޭނީ މަދު މީހަކަށް.. ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރާޝާގެ ނެތް.. ތި ރުޅިގަނޑު ދޫކޮށްލާ ހުރާޝާ.. ﷲއަށްޓަކައި ތި ރުޅިގަނޑު ދޫކޮށްލާ..." ހުރާޝާގެ އަތުގައި ހިފައިލަމުން ރީނާ ބުންޏެވެ.

*************

ނުނިދިފައި އެނދުގައި ފުރޮޅި ފުރޮޅި ހުރާޝާ އޮތެވެ. ހަނދާނަށް އަންނަމުން ދިޔައީ ނަދީމާ ދެއްކި ވާހަކަ ތަކާއި ރީނާ ދެއްކި ވާހަކަތަކެވެ. ރީނާ ބުނިހެން އޭނާއަކީ އެއް އިރެއްގައިވެސް މީހުންނަށް ގޯސް މީހެއް ނޫނެވެ. ނަޖުވާއަށް އޭނައަށް ނަފްރަތު ކުރެވުނީ ނަދީމާ ދެކެ އައި ރުޅިއެއްގެ ސަބަބުންނެވެ. މިހާރު ނަދީމާ މައާފަށް އެދުމުން އެމީހުންނާ މެދު އޭނާ ދެކެމުން އަންނަ ގޮތް ތަފާތުވާން ފަށައިފިއެވެ. ނަމަވެސް އޭގެ ބަދަލުގައި އާކިން ދެއަނތްބަށް ނަޖުވާއަށް އިންނަން ޤަބޫލުވާން އޭނާއަށް އުނދަގުލެވެ. ދުލުން ކިޔާލަން ފަސޭހަވިޔަސް ދެއަނބިން ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ނިދޭގޮތް ނުވުމުން އެންމެ ފަހުން ހުރާޝާ ތެދުވެ އިށީނެވެ. އޭނާއާ ވީ ފަޅީގައި ހުރި ލޭމްޕް ދިއްލާލުމަށްފަހު އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލިއެވެ.

" ނުނިދެނީތަ؟ " އައްބާސްވެސް ނުނިދާ އޮތްކަން ހުރާޝާއަށް އެނގުނީ އައްބާސް އެހެން އަހައިލުމުންނެވެ.

" ނިދޭނެތަ؟ ކަންތައް މިވަނީ ނިދޭ ކަހަލަ ގޮތަކަށް ނޫން.. " ހުރާޝާ ބުންޏެވެ. " ދަރިން އަމިއްލަ އަތުން ހަޔާތް ބަރުބާދުކޮށްލަން ކިޔާއިރު މައިންބަފައިންނަށް ހަމަޖެހިގެން ތިބެވޭތަ؟"

އަހަރެންވެސް ތިކަމާ ވަރަށް ވިސްނައިފިން... އަސްލު އަހަރެމެންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ ހުރާޝާ.. އާކިންއާއި ރޫބީގެ ކައިވެނި އަހަރެމެން ހަމަޖެއްސީ އެކުދިން ކައިރީގައި އަހާވެސް ނުލާ.. އަހަރެމެންގެ އާކިން އެހެން ކުއްޖެއްދެކެ ލޯބިވާއިރުވެސް އަހަރެމެންގެ ހައްޤުގައި އޭނަ ރޫބީއާ ކައިވެނި ކުރި.. މަޖުބޫރެއްގައި ކައިވެނި ކުރިނަމަވެސް ރޫބީއަށް އަދާކޮށްދޭން ޖެހޭ ހުރިހާ ހައްޤުތަކެއް އޭނާ އަދާކޮށްދިން.. ރޫބީ ހުންނަނީ އުފަލުންކަން އޭނާގެ މޫނުމަތިން ދޭހަވޭ.. " އައްބާސް ބުންޏެވެ.

" ދެން އައްބާސް ތިބުނަނީ އެކަމަށް އެއްބަސް ވާށޭ ތަ؟" ހުރާޝާ އަހައިލިއެވެ.

" އާނ.. އާކިގެ އެނިންމުމުގައި އޭނާއަށް އެއްބާރުލުން ދޭން އަހަރެން ބޭނުން.. ބާކީ ﷲ ތަޢާލާގެ ހަޟްރަތަށް ދޫކޮށްލާ.. " އައްބާސް ބުންޏެވެ. ހުރާޝާވެސް އެކަމާ ވިސްނައިލިއެވެ. އާކިން ކުރަން އެއުޅެނީ ދީނީ ގޮތުން ބަލާއިރު ގޯސް ކަމެއް ނޫނެވެ. ރޫބީވެސް އެކަމާ ނުހަނު ރުހެއެވެ. ވީއިރު އެކަމުގައި ގޯހެއް ނެތެވެ. އާކިން އެމީހުންނަށްޓަކައި ވި ޤުރުބާނީގެ ބަދަލުގައި އެވަރުގެ ކަމެއް އެމީހުންނަށް އާކިންއަށް ކޮށްދެވިދާނެއެވެ.

***************

އާކިންއާއި ނަޖުވާގެ ކައިވެންޏަށް އެމީހުން އެއްބާސްވި ވާހަކަ ހުރާޝާއާއި އައްބާސް ބުނީ އަނެއްދުވަހު ހެނދުނުގެ ސައި ކުރިއަށް ދިޔަ ވަގުތުއެވެ. ލިބިގެން ދިޔަ އުފަލާއެކު އެތަނުން ހިނިތުންވެލި ހަމައެކަނި މީހަކީ ރޫބީއެވެ. އާކިންގެ މޫނުމަތިން މުޅިން މިލައިގެން ދިޔަކަން ފާހަގަވީ އަމްރާއަށް އެކަންޏެވެ. އެތަނުން ތެދުވެގެން ދާން އާކިން ބޭނުންވިނަމަވެސް ރޫބީގެ އުފަލަށްޓަކައި އައްބާސްއާއި ހުރާޝާއަށް ޝުކުރު އަދާކުރުމަށްފަހު ނާޝްތާ ކުރަން ފެށިއެވެ.

ރީނާއަށް ގުޅާފައި ރޫބީ އޭނާއަށް ލިބުނު އުފާވެރި ޙަބަރު ޙިއްސާކުރިއެވެ. ރޫބީ އެދުނީ އިހަށް އެވާހަކަ ނަޖުވާއަށް ސިއްރު ކުރުމަށެވެ. ރަންކިޔުމުގެ ޙަފްލާ ސަޕްރައިޒެއްގެ ގޮތުގައި ނަޖުވާއަށް ދިނުމަށެވެ. ކަންތައް ކުރަންވީ ގޮތް ރީނާއަށް ކިޔައިދީ ފޯނު ބޭއްވުމަށްފަހު ސައިފްއަށް ރަންކިޔުމުގެ ޙަފްލާއަށް އަންނަން ދަޢުވަތު ދިނެވެ.

***************

އިސްތިރި ކޮށް ނިންމައިލުމަށްފަހު އަތުގައި އޮތް ޙުދު ގަމީހަށް ބަލަހައްޓައިގެން ރޫބީ ހުއްޓެވެ. އާކިން އެހެން މީހަކާ ޙިއްސާ ކުރަން ޖެހޭ ދުވަސް ގާތްވެއްޖެކަން އެނގުމުން އެހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައިވިއެވެ. އޭނާއަށް ކެތްތެރިވެވޭނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. އާކިން ފެންވަރައިގެން ނިކުތީ ރޫބީ ގަމީހާ ދިމާލަށް ބަލަހައްޓައިގެން ހުއްޓައެވެ.

" ތިނިކުތީ ދޯ.. އަން!! އަވަހަށް މިގަމީސް ލައިގެން ތައްޔާރުވޭ.. އިރާދަކުރެއްވިއްޔާ މިރޭ މީ އުފާވެރި ރެއެއް.." ފެންކަޅިވެފައިވާ އޭނާގެ ދެލޯ ފޮރުވަން މަސައްކަތް ކުރަމުން ރޫބީ ބުންޏެވެ. އާކިން  ވަކި އެއްޗެއް ނުބުނެ ރޫބީ އަތުން ގަމީސް އަތުލުމަށްފަހު ގަޔަށް މަހައިލިއެވެ. ކައިވެނީގެ ވާހަކަ ދެކެވުނުފަހުން އާކިން ރޫބީއާ ވާހަކަ ދައްކާ އުޅެނީ ވަރަށް މަދުންނެވެ.

ރީތިވެގެން ކޮޓަރިން ނިކުތީ އާކިންއާއި ރޫބީ އެކީގައެވެ. އެމީހުންގެ އިންތިޒާރު ސިޓިންގްރޫމުގައި ހުރާޝާއާއި އައްބާސް ތިއްބެވެ.

" ތިއައީ ދޯ.. ހިނގާ އަވަހަށް އެގެއަށް ދާން.. " އައްބާސް ބުނެލިއެވެ.

" ކޮބާ ދޮންތަމެން...؟" ގޭތެރެ ހޯދައިލަމުން ރޫބީ އަހައިލިއެވެ.

" އެމީހުން އަންނާނެ އަސަދުގެ ގެއަށް ގޮސް އޭނާ ގޮވައިގެން.. އަސަދު ނުލާ މިކަމެއް ނުވާނެއްނު. ހެކިވެރިއެއް ވިއްޔާ.." އައްބާސް ބުނެލިއެވެ. އައްބާސްއާއި ހުރާޝާ ކުރިން ގޮސް ކާރަށް އެރިއެވެ. ރޫބީވެސް ކާރަށް އަރަން ދިޔަ ވަގުތު އާކިން ރޫބީގެ އަތުގައި ހިފިއެވެ.

" ކިހިނެއްވީ؟ " ރޫބީ އަހައިލިއެވެ.

" ހަމަ ޔަގީންތަ މިކަން ކުރަންވީކަން.. އަދިވެސް ވަގުތު އެބައޮތް ރޫބީ.." ކަރުއެލުވައިލަމުން އާކިން ބުންޏެވެ.

" ވަގުތޭ ނެތީ އާކީ.. މިހާރުވެސް މާލަސްވެއްޖެ އެގެއަށް ދާން.." އަމިއްލަ ހިތަށް އަޅަމުން ދިޔަ ވޭން ސިއްރު ކުރަމުން ރޫބީ ހިނިތުންވެލިއެވެ. އެހެންނަމަވެސް އާކިންއަށް ރޫބީގެ ލޮލުން ހުރިހާ ކަމެއް ދޭހަވިއެވެ.

" ފަހުން ރޫބީ ހިތާމަ ކުރަން ޖެހިދާނެ..." އާކިން ބުނެލިއެވެ.

" އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ.. ދެންވެސް ހިނގާބަލަ ދާން.. މަންމަމެން އެތިބީ ލަސްވެފަ.." އާކިންގެ އަތުގައި ހިފައިގެން ރޫބީ ކާރާ ދިމާލަށް ހިނގައިގަތެވެ.

***************

" އައި ކާންޓް ބިލީވް ސަމްތިންގް ލައިކް ދިސް އިޒް ހެޕަނިންގް.. ދުވަހަކުވެސް ހިތަކަށް ނާރާ އާކިން ދެއަނތްބަށް މީހަކާ އިނދެފާނޭ.." ކާރުގައި އިން ޒޫނީ ވާހަކަ ދެއްކިއެވެ. ކާރު ދުއްވަން އިން އަރީކްވެސް ޒޫނީއާ އެއްބައިވުމުގެ ގޮތުން ބޯޖަހައިލިއެވެ.

" ރޫބީ ފަހުން ދެރަވާނެ.. އެއީ ޔަގީންކަމެއް... ނަޖުވާއަށް ޕިޓީވެގެން ރޫބީ އެނިންމީ ރަނގަޅު ނިންމުމެއް ނޫން.. އަހަރެންނަކަށް ހީނުވޭ އާކި ހެޕީ ހެނެއް.. ދެރަވެފަ ހުންނަ ވައްތަރަކަށް ހުންނަނީ.." ފަހަތު ސީޓުގައި އަމްރާ ކައިރީގައި އިން އަސަދު ބުންޏެވެ.

" އާކިން ހެޕީއެއް ނޫން.. އެއްވެސް ވަރަކަށް އުފަލެއް ނުވޭ އާކި.. އާކި އެއްބަސްވީ ރޫބީއަށްޓަކައި.. ރޫބީގެ އުފަލަށްޓަކައި... ހަމަ އެގޮތް ރޫބީވެސް.. މަތިމަތިން އުފާވާ ކަމަށް ދެއްކިޔަސް ހަޤީޤަތުގައި އޭނާ ވަރަށް ހިތާމަ ކުރާކަން އޭނާ ނުބުންޏަސް އަހަރެންނަށް އެނގޭ.. ރަޙުމަތްތެރިޔަކަށްޓަކައި ރޫބީ އެވަނީ ވަރަށް ބޮޑު ޤުރުބާނީއެއް.." އަމްރާ ބުންޏެވެ.

" ދެން ކީކޭ ބުނާނީ.. ވާގޮތެއް ބަލަން ތިބުން ނޫންކަމެއް އަހަރެމެންނަށް ކުރެވޭކަށް ނެތް.." އަރީކް ބުންޏެވެ.

***************

ފެންވަރައިގެން ނިކުތް ނަޖުވާގެ ނޭފަތުގައި ޖެހުނު މީރުވަހެއްގެ ސަބަބުން ދޮރު ހުޅުވާލާފައި ނަޖުވާ ބަލައިލިއެވެ. ރީތިވެލައިގެން ތިބި ރީނާއާއި ނަދީމާ މޭޒުމައްޗަށް އެކި ބާވަތުގެ ކާއެއްޗެހި އަރުވާތަން ފެނި ނަޖުވާއަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާއަށް ނުވެސް އެނގި އެމީހުން އެތައްޔާރުވަނީ ކޮންކަމަކަށް ބާއޭ ހިތަށް އެރިއެވެ.

" މަންމާ..!! ދައްތާ!! ބަޔަކު އަންނަނީތަ މިރޭ..!!" އެތަނަށް ނިކުންނަމުން ނަޖުވާ އަހައިލިއެވެ.

" އާނ!! ނަޖޫ ކައިރީ ނުބުނެވޭ ދޯ.. އައްބާސްގެ މުޅި އާއިލާ މިރޭ ކެއުމުގަ ބައިވެރިވާނެ.. " ރީނާ ބުންޏެވެ.

" އެއީ؟؟ މިބުނީ އަހަރެންކައިރީ ނުބުނޭ އެކަކުވެސް.. ރޫބީވެސް ގުޅި މިއަދު.. އެކަމަކު އެކަހަލަ ވާހަކައެއް ނުބުނޭ.. " ނަޖުވާ ހައިރާންވެފައި ބުންޏެވެ.

" އާނ ހަމަ ކުއްލިއަކަށޭ ހަމަޖެހުނީ.. މިދެން ހަމަ އާއިލީ ގުޅުން ބަދަހިކޮށްލަން ވެގެން.. މިރޭގެ މި ބައްދަލުވުމަށްފަހު އާއިލީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރަނީ.. " ނުސީދާ ކޮށް ރީނާ ބުންޏެވެ.

" އެހެންތަ؟ އަހަރެން އެކަމަކު ތަންކޮޅެއް ފަހުން ކާނީ..  ރޫބީ އަހައިފިއްޔާ ބުނޭ ކޮޓަރީގައޭ.." ނަޖުވާ ބުންޏެވެ. މީހުން ގިނަ ތަންތަނަށް ނިކުތުމަކީ އަދިވެސް އޭނާއަށް އުނދަގޫ ކަމެކެވެ.

************

ދޮރު ހުޅުވާލާފައި ރޫބީ ވަނީ ނަޖުވާ ނިދަން ތައްޔާރު ވަނިކޮށެވެ. ނިއްވާލާފައިވާ ލައިޓު އަލުން ޖެއްސުމަށްފަހު ރޫބީ ގޮސް ނަޖުވާގެ އަލަމާރި ހުޅުވައިލިއެވެ.

" ތިހާ އަވަހަކަށް ނުނިދޭނޭ.. ތެދުވެ ތައްޔާރު ވޭ.." އަލަމާރީގައި އޮތް އެންމެ ރީތި ހެދުން ނަގާ އެނދުމަތީގައި ބާއްވަމުން ރޫބީ ބުންޏެވެ.

" ރޫބީ ޕްލީޒް އަހަރެން މިރޭގެ ކެއުމުގައި ބައިވެރި ވާހިތެއް ނެތް..." ނަޖުވާ ބުންޏެވެ.

" އުނހު ކަމަކު ނުދާނެ.. އަހަރެން ދެކެ ލޯބިވަންޏާ ތެދުވެ ރެޑީވޭ އަވަހަށް..." ނަޖުވާގެ އަތުގައި ހިފާ އެނދުމަތިން ނަގަމުން ރޫބީ ބުންޏެވެ. ރޫބީ ކުރުނުކުރުމުން ނަޖުވާއަށް މަޖުބޫރުވީ އެއްބަސްވާށެވެ. ހިތާ ދެކޮޅަށް ނަމަވެސް ކެއުމުގައި ބައިވެރިވުމަށް ތައްޔާރުވިއެވެ.

" ދެން އެހާ ބޮޑަށް ތައްޔާރު ނުވިޔަސް އޯކޭ ވާނެއްނު.." ރޫބީ ނަޖުވާގެ ބޮލުގައި ފުނާ އަޅައިދޭން ފެށުމުން އޭނާ ބުންޏެވެ. ރޫބީ އެދުނީ ވާހަކަ ނުދައްކާ އިނުމަށެވެ. ރޫބީ ހިތްހަމަޖެހޭ ވަރަށް ނަޖުވާ ތައްޔާރުކޮށް ނިމުމުން ނަޖުވާ ގޮވައިގެން ރޫބީ ނިކުތެވެ. އެހިނދު ސިޓިންގްރޫމުގައި ތިބި އެންމެންގެ ނަޒަރު އެމީހުންނަށް އަމާޒުވިއެވެ. އެފަދަ ބެލުމަކަށް އާދަވެފައި ނުވާ ނަޖުވާއަށް ލިބުނީ ހައިރާންކަމެކެވެ. އެންމެން އޭނާއާ ދިމާލަށް އެބަލަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެމީހުން ތިބި ތަނާ އަރާ ހަމަވުމަށްފަހު ރޫބީ އާކިންއަށް ބަލައިލިއެވެ. އެހެންނަމަވެސް އާކިންގެ ވީ އިސްޖެހިފައެވެ. ރޫބީ ނަޖުވާ ގެންގޮސް ބޭންދީ އާކިން ކައިރީގައި ހުސްކޮށް ހުރި ގޮނޑީގައެވެ.

" މީ ކޮންކަމެއް ރޫބީ؟" ހައިރާންކަމަށް ފަހު ހައިރާންކަމެއް ލިބެން ފެށުމުން ނަޖުވާ އަހައިލިއެވެ. ވާން މިއުޅެނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

" ސަޕްރައިޒް..." ރޫބީ ބުނެލިއެވެ. އެހެނަސް ނަޖުވާއަށް ލިބިފައިވާ ހައިރާންކަމެއް ނުފިލިއެވެ. ރޫބީ ގެނެސް އެމީހުންގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބޭއްވި ކަރުދާސް ގަނޑުގައި ލިޔެފައިވާ އެއްޗެއް ނަޖުވާ ކިޔައިލިއެވެ.

" ކައިވެނި ފޯމް..." ނަޖުވާ އޭގައި ލިޔެފައިވާ އެއްޗެއް ކިޔައިލިއެވެ. އަވަސް އަވަހަށް އެފޯމު ނަގާފައި ނަޖުވާ ކިޔައިލީ ލިބުނު ސިހުމަކުންނެވެ. ކައިވެނި ކުރަން އެދޭ މީހުންގެ މައުލޫމާތުގައި އޭނާއާއި އާކިންގެ ނަން ޖަހާފައި އޮތްތަން ފެނުމުން ލިބުނު ސިހުމުގައި ނަޖުވާއަށް ކޮޅަށް ތެދުވެވުނެވެ.

" މީ ކޮންކަމެއް ރޫބީ..؟ މިފޯމު... މީ ކޮންކަންތައްގަނޑެއް..." ނަޖުވާ ހިތްހަމަނުޖެހިފައި އަހައިލިއެވެ. ރޫބީއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދޮރުގައި ޓަކި ޖަހައިލި އަޑުއިވުނެވެ.

" ދެވަނަ ހެކިވެރިޔާ އައީ ކަންނޭނގެ..." ދޮރު ހުޅުވަން ދިއުމުގެ ކުރިން ރޫބީ ބުންޏެވެ. ހައިރާންވެފައި ނަޖުވާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މާބޮނޑިއެއް ހިފައިގެން އެތެރެއަށް ވަނީ ސައިފްއެވެ.

" މަރުޙަބާ ނަޖޫ..." ނަޖުވާއަށް މާބޮނޑި ދިއްކޮށްލަމުން ސައިފް ބުންޏެވެ. އެހެންނަމަވެސް އޭގާ ހިފާކަށް ނަޖުވާއެއ ނޫޅުނެވެ. އެންމެ ފަހުން ސައިފް އަތުން މާބޮނޑި އަތުލީ ރޫބީއެވެ.

" ދެންވެސް އަވަހަށް އިށީނދެބަލަ ނަޖޫ.. " ނަޖުވާގެ އަތުގައި ހިފަމުން ރޫބީ ބުންޏެވެ. އެހެންނަމަވެސް ނަޖުވާގެ ރޫބީގެ އަތްފޮޅުވައިލިއެވެ. ދެވަނަ ހިނދުގައި ދެން ފެނުނީ ނަޖުވާ ރޫބީގެ ކޯމަތީގައި ޖެހިތަނެވެ. އެންމެންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.

" ނަޖުވާ!! " އެމަންޒަރު ބަލާކަށް އާކިންއަށް ކެތެއް ނުކުރެވުނެވެ. ހަމަ އެ ސިކުންތުގައި އާކިން ހުރީ ރޫބީ ގަޔާ ކައިރިކޮށްލައިގެންނެވެ. ރޮވިފައި ރޫބީއަށް ނަޖުވާއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

" ނަޖުވާ ކީއްތިކުރީ.. ނަޖުވާއަށްޓަކައި ރޫބީ އެހާ ބޮޑު ޤުރުބާނީއެއް ވާންއުޅޭއިރު ނަޖުވާ ތިކަންތައް ކުރީ ރަނގަޅަކަށް ނޫން.." އަމްރާއަށް ނުހުރެވިގެން ބުނެލިއެވެ. ނަމަވެސް ނަޖުވާ އަތުގެ އިޝާރާތުން ބުނެލީ އިތުރަށް ވާހަކަ ނުދެއްކުމަށެވެ.

" ރޫބީ ހަމަ ބިމަށް ތިރިކުރެވޭނީ މިގޮތަށް ކަންތައް ކުރީމަ.. ރޫބީ ކީކޭ ހިތަށް އަރައިގެން ތިފަދަ ނިންމުމެއް ނިންމީ.. އަހަރެންގެ ހަޔާތުގެ ފައިސަލާތައް ކުރަން ރޫބީ ތީ ކާކު.. އަހަރެން ބުނިންތަ ރޫބީ ކައިރީގައި އާކިންއާ ކައިވެނި ކުރަން އަހަރެން ބޭނުމޭ..." ނަޖުވާ ބުންޏެވެ.

" ނަޖޫ.. އަހަރެންނަށް އެނގޭ ނަޖޫ އަދިވެސް އާކި ދެކެ ލޯބިވާކަން.. އެހިތާމައިން އަރައި ނުގަނެވިގެންކަން ނަޖޫ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ.. އެހެންވެ އަހަރެން ބޭނުންވީ ނަޖޫއަށް ހައްޤު ހުރިހާ އުފަލެއް ހޯދައިދޭން.." ރޫބީ ކިޔައިދިނެވެ.

" އެހެންތަ؟ ރޫބީ ހީކުރީ އަހަރެންގެ އުފަލަކީ އާކިން ކަމަށްތަ؟ އަހަރެން އަމިއްލައަށް މަރުވާން މަސައްކަތް ކުރީ އާކިންގެ ލޯބި ނުލިބިގެންނޭތަ؟ ނޫން ރޫބީ.. ހަޤީޤަތް އަޑުއަހާ.. އަމިއްލައަށް މަރުވާން މަސައްކަތް ކުރެވުން އެއީ އަހަރެންނަށް ކުރެވުނު ވަރަށް ބޮޑު ފާފައެއް.. އެކަމަށް އަހަރެން ތަޢުބާ ވެއްޖައިން.. އަހަރެންގެ އުފަލަކީ އާކިން ކަމަށް ހީކުރެވުން އެއީ ރޫބީއަށް ކުރެވުނު ކުށްހީއެއް.. ތެދެއް!! ރޫބީއާއި އާކިން ކައިވެނި ކުރީމަ އަހަރެން ވަރަށް ދެރަވެ ހިތާމަ ކުރިން.. އެކަމަކު.. އެކަމަކު ހަޤީޤީ ލޯބި އަހަރެންނަށް އިހުސާސްވީ މާފަހުން.." އެހެން ބުނުމަށްފަހު ނަޖުވާ އެނބުރުނީ ސައިފްއާ ދިމާލަށެވެ. މަޑުމަޑުން ގޮސް ނަޖުވާ ސައިފްގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ސައިފްގެ ހިތް އޮބިނޯންނަވަރަށް ތެޅެމުން ދިޔައެވެ. އެހެން އެންމެންގެ ނަޒަރުވެސް ހުއްޓިފައިވީ އެދެމީހުންނަށެވެ.

" އަހަރެންނަށް ހަޤީޤީ ލޯތްބަކީ ކޮބައިކަން އިހުސާސް ކޮށްދިނީ ސައިފް.. އެރަށުގައި ސައިފްއާއެކު ހޭދަވި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތައް.. ސައިފް ނުބުނިނަމަވެސް އޭނާގެ އަމަލުތަކުން އަހަރެން ދެކެ ލޯބިވާ ވަރު އަހަރެންނަށް އެނގުނު.. އަހަރެންގެ ހިތް ސައިފްއަށް ދެވުނީ ކޮންއިރަކު ކަމެއްވެސް އަހަރެންނަށް ނޭނގުނު.. ސައިފް ދެކެ އަހަރެން ލޯބިވާވަރު އަހަރެންނަށް އިހުސާސްވީ ސައިފް އަހަންނާ ދުރަށް ދިއުމުން.. އަހަރެންނަށް ސައިފްއާ ނުލާ އުޅެން އުނދަގޫވި.. މިވީހާ ދުވަހު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ސައިފް އަހަރެންނަށް ލޯބި ހުށައަޅާނެ ދުވަހަކަށް.. އެކަމަކު ކަންތައްވީ ގޮތުން އެންމެ ފަހުން ބުނަން ޖެހިއްޖެ.. ހިތްމަތީ ހިލަގަނޑެއް ބާއްވާފައި މިއަދުވެސް އެއައީ އަހަރެންގެ އުފަލަކަށްކަން ޔަގީން.. " ސީދާ ސައިފްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ނަޖުވާ ވާހަކަ ދެއްކިއެވެ. އިސާހިތަކު ސައިފްގެ ދެލޯ ފެންކަޅި ވެއްޖެއެވެ. ފޮރުވަން މަސައްކަތް ކުރި އިހުސާސްތައް އެންމެންގެ ކުރިމަތީގައި ބޭޒާރު ވެއްޖެއެވެ. ރޫބީ ހިނިތުންވެލަމުން އާކިން ބަލައިލި ހިނދު އާކިންވެސް ހިނިތުންވެލިއެވެ.

" އަދިވެސް ނުބުނާންތަ ސައިފް.. އޯކޭ.. އަހަރެން މިބުނަނީ.. އަހަރެން ސައިފް ދެކެ ވަރަށް ލޯބިވޭ.. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ތިނޫން މީހަކު އަހަރެން ބޭނުމެއް ނޫން.. " ނަޖުވާ ފަހު ޖުމްލަ ބުނެލިއިރު އޭނާއަށް ރޮވިއްޖެއެވެ. ސައިފްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ކުއްލި ހަރަކާތަކާއެކު ނަޖުވާ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. އެހިނދު މުޅިތަން ގުގުމައިގެން ދިޔައީ ތަރުހީބުގެ އަޑުންނެވެ.

" މިޖެހުނީ އަލުން ފޯމު ފުރާކަށްނު.. މިއަންނަނީ ޕްރިންޓެއް ނަގައިގެން..." ސަމާސާ އެކުލެވިފައިވާ ރާގެއްގައި އަސަދު ބުންޏެވެ. އެހިނދު އެންމެން ކަހަލަ ގޮތަކަށް ހޭން ފެށިއެވެ.

" ނޫން.. ރަންކިޔާނީ އަހަރެންގެ އާއިލާ މީހުންގެވެސް ހާޒިރުގަ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް.." ނަޖުވާ ސައިފްއާ ދުރުވެލުމުން ސައިފް ބުނެލިއެވެ. ހިނިތުންވެފައި ހުރި ނަޖުވާ ރޫބީ ކައިރިއަށް ޖެހިލިއެވެ.

" ވަރަށް ބޮޑަށް ސޮރީ ރޫބީ.. ވަރަށް ބާރަށްތަ ޖެހުނީ؟" ނަޖުވާ އަހައިލިއެވެ.

" ނޫން.. ތެންކްސް ވަރަށް ބޮޑަށް.. އަހަރެން ހަމަ ބިމަށް ތިރިކޮށްދިނީމަ.." ހެމުން ރޫބީ ބުންޏެވެ. ރޫބީގެ އެހުނުމުގައި އެހެން އެންމެންވެސް ބައިވެރިވިއެވެ.

***************

މޫދުގައި އަރައިގެން އައި ދެ އަންހެންކުދިންގެ ދެ އަތްތިލަ ވަނީ ގުޅިލާމެހިފައެވެ. ދެކުދިންގެ ތުންފަތުގައި ވެސް ހިނިތުންވުމެއް ވިއެވެ. ވަކި ހިސާބަކަށް އައިތަނާ ދެކެދިންނަށް ދޮންވެލި ފަސްގަނޑުމަތީގައި ތއިށީނދެގެން ތިބި ދެ ފިރިހެނުން ފެނިއްޖެއެވެ. އެއް އުމުރެއްގެ ތުއްތު ދެ އަންހެންކުދިން މަތަނުވެގެން އުޅޭތަން ފެނުމުން ދެ އަންހެންކުދިންނަށް ހެވުނެވެ. ރޫބީއާއި ނަޖްވާ ފެނުމާއެކު ރައިނީއާއި ސައިވާ އެދިމާލަށް ދާން ތެޅިގަނެއްޖެއެވެ. އެހިސާބުން ސައިފްއާއ އާކިން ދެކުދިން ދޫކޮށްލިއެވެ.

ދެ އަންހެންކުދިން ދަރިން އުރާލައިގެން އައިސް ފަސްގަނޑުމަތީގައި ޖައްސާލިއެވެ.

"ސީރިޔަސްލީ!! ރައިނީ ހާދަ ސިޔާސަވެއްޖޭ މިހާރު" އާކިން ބުންޏެވެ.

"އާކި އާ ހަވާލުކުރިއްޔާ އެހިސާބުން މަގޭ ދަރި ނޯޓީވީ އެ. ބަލާބަލަ މަންމިގެ ކިހާ ބަސްއަހާ" ރައިނީ އުރައިލައިގެން ހުރި ރޫބީ ބުންޏެވެ. ތެދެކެވެ. ރައިނީ އުރާލުމާއެކު ރޫބީގެ ކޮނޑުގައި ބޯއަޅައިގެން ހީލައިގެން ރައިނީ އޮތެވެ. ރައިނީގެ އެއް އިނގިލި އޮތީ އަނގައިގެ ތެރޭގައެވެ.

"ސައިއްކޮ އެކަމަކު ޑެޑީގެ ވަރަށް ބަސްއަހާނެ. ދެންމެ ނަޖޫމެން މޫދުގަ ތިބިތަން ފެނުނީމަ އެދިމާލަށް ދާން ބޮޑާހޭކީ" ސައިފް ބުންޏެވެ. ސައިފް ދެއްކި ވާހަކައާ އެއްބައިވުމުގެ ގޮތުން ނަޖްވާ ބޯޖަހާލިއެވެ.

އަތިރިމަތީގައި ހުރި ހިޔާދޭ ބޮޑު ގަހުގެ ހިޔަލުގައި ހަތަރު މީހުން އޮށޯވެލައިގެން ތިއްބެވެ. ގަހުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން މޫނުމައްޗަށް އެޅިފައިވާ ކޮކާ އަވިތަކުން އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކުޑަ ދެދަރިން ބާއްވާލާފައި ވަނީ ދެ ބައްޕައިންގެ މޭމަތީގައެވެ. އެކުދިންގެ ތުއްތު ދުނިޔޭގައި މަޖާކުރަމުން ދިޔައިރު ބޮޑެތި މީހުންގެ ނަޒަރު އަމާޒުވެފައިވަނީ އެއްދިމާލަކަށެވެ. އެއިން ކޮންމެ މީހެއްގެ ވިސްނުން ގުޅިފައިވާ ހީވެސްނުކުރާ ފަދަ ގޮތަކަށް ދިރިއުޅުން ބަދަލުވެގެން ދިޔަގޮތާ މެދުގައެވެ. ހަތަރު މީހުންގެ މެދުގައި އެތައް ކުންޏެއް ޖެހިފައި ވިޔަސް މިއަދު ތަގުދީރު ހަތަރުމީހުން ގެނެސްފައިވާ ހިސާބަކީ ހަތަރު މީހުންނަށްވެސް އެކަމުން އުފަލާ ހިތްހަމަޖެހުން ގެނެސްދޭ ހިސާބެކެވެ. ކޮންމެ ދުވަހެއް ފާއިތުވެގެން ދަނީ ހަތަރުމީހުންގެ މެދުގައި އެކުވެރިކަމާ އޯގާތެރިކަމުގެ އާ ތަޖުރިބާއެއް ކުރުވަމުންނެވެ. މިއަދު އެއިން އެއްވެސް މީހެއްގެ ހިތުގައި ނަފްރަތެއް، ހަސަދަވެރިކަމެއް ނެތެވެ. އެކަކު އަނެކަކަށްޓަކައި ހަތަރު ހިތްވެސް ސާފެވެ. ހަތަރުމީހުންގެ ހިތްވެސް އެދެނީ އެއް ކަމަކަށެވެ. ހަތަރުމީހުންގެ ހިތާ ގުޅިފައިވާ ތުއްތު ދެ ދަރިންގެ ހިތުގައިވެސް ތެދުވެރި ލޯތްބެއް ލެއްވުމެވެ. ދެދަރިންގެ މެދުގައިވެސް ނަމޫނާ އެކުވެރިކަމެއް އުފެދުމެވެ. ނަޖްވާއާއި ރޫބީ ފަދައިންނެވެ.


ނިމުނީ...

އެޑިޓަރުގެ ނޯޓް:

ކޮންމެވެސް ވަރަކަށް ވާހަކައިގެ އެޕިސޯޑުތައް ކިޔުންތެރިންނަށް ގެނެސްދިނުމުގައި ލަސްކަމެއް އައި ނަމަވެސް، އުފާވެރި ނިންމުމަކުން ވާހަކަ ނިންމާލައި ކިޔުންތެރިންނަށް އުފާވެރިކަން ގެނެސްދިނީތީ ލިޔުންތެރިޔާ "އަޒްކީ" އަށް ދުވަސް ޓީމްގެ ނަމުގައި ޝުކުރު ދަންނަވަން. ހަމަ އެހެންމެ ވާހަކައިގެ އެޕިސޯޑުތައް ބައެއް ފަހަރު ލަސްވި ނަމަވެސް ޝައުގުވެރިކަން ދޫކޮށްނުލައި ވާހަކައިގެ ފުރަތަމަ އެޕިސޯޑުން ފަހު އެޕިސޯޑާއި ހަަމައަށް އެންމެ އެޕިސޯޑެއް ދޫކޮށްނުލާ ވިދާޅުވެލެއްވި ހުރިހާ ކިޔުންތެރިނަށްވެސް ޝުކުރު ދަންނަވަން.

އިންޝާﷲ، އަޒްކީގެ އާ ވާހަކައެއް ދުވަސް ނޫހުން ދާދި އަވަހަށް ކިޔާލަން ލިބޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް