ލ. ގަން ތުނޑީ، އަވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
ގަން، ތުނޑީ އަވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ގަމު ދާއިރާގެ މަޖިލިސް މެމްބަރު އަލްފާޟިލް މުޙައްމަދު ވިސާމެވެ.
މި ރަސްމިއްޔާތުގައި ގަމު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ޒަކީއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 24.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް