ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ހުއްޓުވަން ނެރުނު އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރަން މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ވަގުތީ އަމުރެއް ނުނެރެފި ނަމަ، އެޗްޑީސީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަަމަށެވެ.
އަދި އެއީ ހުޅުމާލޭގެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް އެ ބިމާ ގުޅޭގޮތުން އެޗްޑީސީން މުއާމަލާތްތަކެއް ހިންގާފައިވާތީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެއީ ތިން ވަނަ ފަރާތެއްގެ ހައްގު ވެސް އެކަމުގައި އެކުލެވޭ ކަމެއް ކަން ފާހަގަކުރައްވާ ފަނޑިޔާރު ސަމީރު ވިދާޅުވީ ވަގުތީ އަމުރެއް ނެރެގެން ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުމަށް ވުރެ ވަގުތީ އަމުރު ނުނެރުމުން އެޗްޑީސީއަށް ލިބޭނެ ގެއްލުން މާ ބޮޑުކަމަށެވެ.
އެހެންކަމުން، ސިވިލް ކޯޓުގެ އަމުރަށް ތާއީދުކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ސަމީރު ވިދާޅުވިއެވެ.
ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަމީރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް