އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް 6 ރަށެއްގައި ޕަވަރ ޕަރޗޭސިންގ އެގްރީމަންޓްގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މެލޭޝިއާގެ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ޖޮއިންޓް ވެންޗަރ އާއެވެ.
މިއީ ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެއްމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރާ މަޝްރޫޢެވެ.
މި މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.
މި އެއްބަސްވުމުގައި މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ.
އަދި ޖޮއިންޓް ވެންޗަރގައި ހިމެނޭ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސޮންގް ކިންގ ގޯއެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާރޗޭސިންގ އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރ އަޙުމަދު އަޒްލީމެވެ.
އަދި މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ.
އަދި ޖޮއިންޓް ވެންޗަރގައި ހިމެނޭ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސޮންގް ކިންގ ގޯއެވެ.
މި މަޝްރޫއަށް އެއްބާރުލުންދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު ސޮއިކުރެވުނު ކޯޕަރޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދެވެ.
އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްލީމެވެ. މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރަން ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ 03 މެގަވޮޓް، ފުވައްމުލައް ސިޓީ 02 މެގަވޮޓް، ގދ. ތިނަދޫ 02 މެގަވޮޓް، ކުޅުދުއްފުށީ ސިޓީ 1.5 މެގަވޮޓް އަދި ބ. އޭދަފުށީ 1.5 މެގަވޮޓް، އަދި ޅ. ހިންނަވަރު 01 މެގަވޮޓެވެ.
އެސްޕަޔަރ މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި 34 ކުންފުންޏަކުން ވަނީ ޕްރީކޮލިފިކޭޝަން ހުށަހަޅާފައެވެ.
އަދި ޕްރީކޮލިފިކޭޝަން ސްޓޭޖުން ޝަރުތު ހަމަވި ކުންފުނިތަކުގެ ތެރެއިން ބިޑް ހުށަހެޅީ 4 ކުންފުނިންނެވެ.
އެގޮތުން ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބީލަން ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ބިޑުތަކުގެ ތެރެއިން ދައުލަތަށް ކަރަންޓް ވިއްކުމަށް އެއްމެ ކުޑަ އަގެއް ހުށަހެޅީ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޗައިނާގެ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗަރ އިންނެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައިވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ޕަވަރ ޕާޗޭސިން އެގްރީމެންޓުގެ ދަށުން ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏަށް ސޯލަރ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެއްމެ ހެޔޮ އަގެވެ.
އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ %50 އަށް ވުރެކުޑަ އަގެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައެވެ.
މީގެ އިތުރުން މަސައްކަތްތައް ނިންމާ ކަރަންޓު ފޯރުކޮށްދޭން ފަށާނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެއެވެ.
އޭގެ ސަބަބުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހިރުފިޔާ ކުޑަކުރެވޭނެއެވެ.
ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެއެވެ.
އަދި މި މަޝްރޫޢޫގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެއެވެ.
އެސްޕަޔަރ މަޝްރޫޢޫގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލަރ ޕީވީގެ ނިޒާމާއި ބެޓަރީ އެނރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ވަނީ އިޢުލާނުކޮށްފައެވެ.
އެ ސަރަހައްދުތަކުގެ ތެރޭގައި ގއ.ވިލިނގިލި، ށ.ފުނަދޫ، ޅ.ނައިފަރު އަދި ލ.އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.
މިނިސްޓްރީން ހިންގާ އެސްޕަޔަރ އަދި އެރައިސް މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫޢެކެވެ.
މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުޞަތުތައް ހުޅުވައިދިނުމާއި އަދި މިކަމާއި ގުޅޭ ތަމްރީން ދިނުން މި މަޝްރޫޢުގައި ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް