ރާއްޖޭގެ 10 ރަށެއްގެ ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފިއެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ ދެ ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުންގެ އިތުރުން އަށް ރަށެއްގެ ކޯޓަށް އިސްމެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައެވެ.
މެޖިސްޓްރޭޓުން ހޯދާ ކޯޓުތައް ކަމުގައި އިއުލާނުކޮށްފައި ވަނީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
މީގެ އިތުރުން އިސްމެޖިސްޓްރޭޓުން ހޯދާ ކޯޓުތައް ކަމުގައި އިއުލާނުކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓު، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު، ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު، ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު، ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓު އަދި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
މެޖިސްޓްރޭޓުންގެ ތައުލީމީ ފެންވަރަކީ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާއެކު އެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައި ވުން ކަމުގައި އެ އިއުލާނުގައި ބުނެފައި ވެއެވެ. މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 18،850 ރުފިޔާއެވެ.
މީގެ އިތުރުން އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 21,000 ރުފިޔާއެވެ. މެޖިސްޓްރޭޓުންނަށް މުސާރައާއި އިނާޔަތްތަކާއެކު ގާތްގަނޑަކަށް 23،500 ރުފިޔާ ލިބެއެވެ. އިސްމެޖިސްޓްރޭޓުންނަށް މުސާރައާއި އިނާޔަތްތަކާއެކު 25،600 ރުފިޔާ ލިބެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއެއްކަމަށް ޖޭއެސްސީ އިން ބުނެފައި ވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް