ގަމު ހޮސްޕިޓަލުގެ ބޯޑާ ގުޅޭ ހޫނު ބަހުސެއް މަޖިލީހުގައި

ލ.ގަމުގެ ރީޖަނަލް ހޮސްޕިޓަލް ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސާއިދު ހުށަހެޅި މައްސަލަ އަކާއި ގުޅިގެން، ގިނަ ތުހުމަތު ތަކެއް އެ ހޮސްޕިޓަލުގެ ބޯޑަށް އަމާ...

29 Mar 2022 | 08:05

ލ.ގަމުގެ ރީޖަނަލް ހޮސްޕިޓަލް ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސާއިދު ހުށަހެޅި މައްސަލަ އަކާއި ގުޅިގެން، ގިނަ ތުހުމަތު ތަކެއް އެ ހޮސްޕިޓަލުގެ ބޯޑަށް އަމާޒުވެ މަޖިލީހުގައި ބޮޑު ބަހުސަކަށް ގޮސްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދުވަނީ ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް އެހެން އަތޮޅުތަކުގެ ގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން ގެންދާ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވަމުންދާކަމަށް ވިދާޅުވެ މައްސަލަ އެއްހުށަހަޅާފައެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން ގިނަ މެމްބަރުން ވިދާޅުވީ އެ ހޮސްޕިޓަލުގެ ހާލަތު ގޯސްވާން ދިމާވީ ނިމިދިޔަ އޮކްޓޯބަރ މަހު އެ ހޮސްޕިޓަލަށް އައްޔަން ކުރެވުނު ބޯޑެއްގެ ސަބަބުން ކަމަށެވެ.

މައްސަލަ މަޖިލީހަށް ހުށަހެޅި ސައީދު ވިދާޅުވީ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅާފައި ވާކަމަށެވެ. އެހެން ނަމަވެސް އެބޯޑުން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސްކުރަމުން އެ އަތޮޅު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ލ.ގަމު ހޮސްޕިޓަލް ހަލާކު ކޮށްލީ ނާގާބިލް ބޯޑެއް އައްޔަން ކޮށްގެން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސިރާޖު ވިދާޅުވީ ހޮސްޕިޓަލަށް މިސަރުކާރުން އައިސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރި، ނަމަވެސް މައިގަނޑު ބަދަލަކަށް ގެނެވުނީ އެކުގައި އުޅޭ ރައްޓެހިންތަކަކަށް ވަޒީފާތަކެއް ދިނުން ކަމަށާއި ބޯޑެއް އެކުލަވާލުން ކަމަށެވެ. އަދި އެބޯޑަށް ހޮސްޕިޓަލެއް ނުހިންގޭނެ ގާބިލް ނޫން މީހުންތަކެއް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކޮށްލީ ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއީ އެމްޑީޕީގެ ސަރުކާރެއްކަމަށާއި މަޖިލީހުގައި ތިބެގެން ސަރުކާރު މެމްބަރުން މިފަދަ މައްސަލަތަކަށް ބަހުސް ނުކުރަން "ރަތަށް ފިތިޔަސް" ހޮސްޕިޓަލުގެ ހާލަތު ގޯސްކަން ލ. އަތޮޅު ރައްޔިތުންނަށް ނޯޅޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ރައްޔިތުން ދެކޭނީ އެމްޑީޕީގެ މެޖޯރިޓީ އޮވެ އެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށް އީވާ ވިދާޅުވި އެވެ./

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ސަރުކާރުން ހޮސްޕިޓަލްތަކުގެ ބޯޑު އުފައްދާފައި ވަނީ ހިންގުން ރަނގަޅުކުރަން ނޫން ކަމަށާއި ވަކި ބައެއްގެ ނުފޫޒު ބާއްވަން ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ނިންމާފައި ވަނީ ހޮސްޕިޓަލްތަކުގެ ހިންގުން ހެލްތު މިނިސްޓްރީ އިން ވަކިކޮށް ބޯޑެއްގެ ދަށަށް ބަދަލު ކުރުމަށެވެ. އެގޮތުން ގަމު ހޮސްޕިޓަލުގެ މި ބޯޑަކީ އެ ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

އެ ބޯޑަށް އައްޔަން ކުރެވުނު ބޭފުޅުންނަކީ:

  1. އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރެއް) 2. ޑޮކްޓަރ މުހައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް) 3. މުހައްމަދު ހަމީދު، އަޅިވިލާގެ، ލ. ފޮނަދޫ (އާންމުންގެ ތެރެއިން އައްޔަންކުރެވޭ މެންބަރެއް) 4. އިސްމާއީލް އަލީ، ތުނޑި، ބިނާ، ލ. ގަން (ސިޓީ ކައުންސިލްގެ މެންބަރެއް) 5. މުހައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް