ލ. އަތޮޅުގެ ރައްޔިތުންގެ އިތުރުން ގިން ބަޔަކު ހިދުމަތް ހޯދަމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.
މިއަދު ކުރިޔަށްދާ މަޖިލީހުގައި ސައީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް މި ސަރުކާރުން ރައްޔިތުންނަށް ކެނޑިނޭޅި ވައުދުވަމުން ގެނގޮސް، އެ މަޝްރޫއު ކުރިޔަށް ގެންދަން ކުރިޔަށް ގެންދަން އިއުލާނު ކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ.
އަދި އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅާ އެބޯޑުގެ ދަށަށް ލ.އަތޮޅުގެ ދިހަ ރަށުގައިހުރި ސިއްޙީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ބަދަލުކޮށްފައިވާ ކަމަށާއި ލ.އަތޮޅުގެ ހުރިހާ ރަށަކުންވެސް މި ހޮސްޕިޓަލްގެ ޚިދުމަތް ހޯދަމުންދާ ކަމަށައި ނަމަވެސް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުންދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ސައީދު ހުށަހެޅި މައްސަލާގައި ވެއެވެ.
އެ ހޮސްޕިޓަލް ހިންގަން ވަކި ބޯޑެއް ކަނޑައަޅާ އެ ބޯޑުގެ ދަށަށް އެ އަތޮޅުގެ 10 ސިއްހީ ހިދުމަތްދޭ އިދާރާ ގެންގޮސްފައިވެ އެވެ.
ސައީދުގެ މައްސަލާގައި އިތުރަށް ފާހަގަ ކުރެއްވީ ހޮސްޕިޓަލްގައި ޓަރޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމްނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް ފަރުވާކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާ ކަމަށެވެ.
އަދި ކޮންމެހެން ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެންނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާ ކަމަށާއި ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާ ކަމަށް ސައީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ސައީދު ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކޮށް މިމައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަތީ 20 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓް ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް