ކުރިޔަށް އޮތް ރޯދަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިދުމަތް ދޭނީ ތިން ގަޑިއިރު ކަމަށް ބުނެފި އެވެ.
މީރާއިން ބުނީ ރޯދަ މަހު މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށެވެ. ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މި ގޮތަށެވެ.
މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް މީރާގެ ސާވިސް ސެންޓަރުން ނަންބަރު ނެގުމުގެ އިތުރުން، މިހާރެކޭވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެ އެވެ.
މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، މީރާއިން ޚިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.
މި ޚިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ޚިދުމަތްތަކެއްކަމުގައި މީރާއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް