މިފްކޯއިން ދިވެހިންނަށް 200 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

މިފްކޯއިން ދިވެހިންނަށް ވަޒީފާގެ 200 ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި އެކުންފުނީގެ އުފެއްދުންތަކުގެ އިތުބާރު ބޮޑުކުރުމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ދެމެހެއްޓެނިވި...

29 Mar 2017 | 08:02

މިފްކޯއިން ދިވެހިންނަށް ވަޒީފާގެ 200 ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދުނިޔޭގެ ބާޒާރުގައި އެކުންފުނީގެ އުފެއްދުންތަކުގެ އިތުބާރު ބޮޑުކުރުމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ހޯދައި ދިނުމަށްޓަކައި އެކުންފުނިން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ދިވެހިންނަށް އަމާޒުކޮށް ހުޅުވާލާފައިވާ ފުރުސަތުތަކެއް ކަމަށް އެކުންފުނިން ހާމަކުރެ އެވެ.

މިފްކޯ އިން މައުލޫމާތުދޭގޮތުގައި 2016 ވަނަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ކުންފުނީގެ ދަށުން ހިންގަމުން އަންނަ ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުޚާނާ އިތުރަށް ތަރައްޤީކޮށް ދުނިޔޭގެ ބޮޑަތި ބާޒާރުތަކަށް މިފްކޯ މެދުވެރިވެ މަސްދަޅު ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ އެކުންފުނިން ފަށާފައެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ދަޅުމަހުގެ ބާވަތްތައް ބޭނުންކުރާ ބޮޑަތި އެކިއެކި ފަރާތްތަކުން ރާއްޖެ އައިސް، ފެލިވަރުގައި އުފައްދާ އުފެއްދުންތަކުގެ އޮޑިޓްތައް ހަދާ، މިފްކޯގެ އުފެއްދުންތައް ދުނިޔޭގެ ބޮޑަތި ބައެއް މާރކެޓްތަކަށް ނެރުމުގެ ފެހި ސިގްނަލްވެސް ވަނީ ދީފައެވެ. މިއީ ދާދި ފަހުން އެކުންފުނިން ދުނިޔޭގެ ބާޒާރަށް ނެރެފައިވާ އެކުންފުނީގެ 'އެޓޯލް' ބްރޭންޑުގެ މަސްދަޅު ރާއްޖޭގެ އުފެއްދުމެއްގެ ގޮތުގައި ވިއްކުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި އެކުންފުނިން ޤަބޫލު ކުރެއެވެ. ހަމަ އެއާއެކު، ވެއިޓްރޯސް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަމުގައި މަސްދަޅު ބަންދުކޮށް އޭގެ ވިޔަފާރިން މަންފާ ހޯދުމަށް ލިބިގެން ދިޔަ ފުރުސަތެއް ކަމުގައިވެސް އެފަރާތުން އެއްބަސް ވެއެވެ. އިއްޔެގެ ވަގުތެއްގައި ހެދިގެން ދިޔަ މި އޮޑިޓާއެކު މިފްކޯއިން ބައިނަލްއަޤުވާމީ ބާޒާރަށް ނެރޭ އުފެއްދުންތަކުގެ އޯޑަރުތައް މިހާރުވެސް ލިބެންފަށާފައިވާ ކަމަށް އެކުންފުނިން ބުންޏެއެވެ. އެގޮތުން، ބައެއް އުފެއްދުންތައް މިހާރުން މިހާރަށް ވެސް އިނގިރޭސިވިލާތުގެ ބާޒާރަށް ނެރުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަން އެކުންފުނިން ވަނީ ޔަގީންކޮށްދީފައެވެ.

ބޭރުގެ އެކި އެކި ފަރާތްތަކުން ހަދާ މިފަދަ އޮޑިޓްތަކަކީ، ރާއްޖޭގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުތަކަށް ނެރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި މިފަދަ އޮޑިތަކުގެ ތެރެއިން، ރާއްޖޭގައި ބަންދުކުރާ ދަޅުމަހުގެ ބާވަތްތަކަކީ ތިމާވެއްޓާ ރައްޓެހި މަސްވެރިކަމުން ހޯދާ މަހުން ބަންދުކުރެވޭ ތަކެތިތޯ ބެލުމުގެ އިތުރަށް، މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހޭލުންތެރިކަމާ، މަސްދަޅު ބަންދުކުރާ ކޮލިޓީ ދެނެގަތުމުގެ އިތުރުން، އެފަރާތްތަކުން ބޭނުންވާ މިންވަރަށް ސަޕްލައި ކެޕޭސިޓީ ހުރިތޯ ޔަގީންކުރުމަށްވެސް އެފަރާތް ތަކުން އިސްކަމެއްދޭކަމުގައި މިފްކޯއިން ހާމަކުރެ އެވެ.

މިއާއެކު، ފެލިވަރުގެ އުފެއްދުންތައް ދެގުނަކޮށް، ދުނިޔޭގެ ބޮޑަތި ސުޕަމާރކެޓުތަކަށް މިފްކޯގެ ބައިނަލްއަޤުވާމީ ބްރޭންޑްތައް ތަޢާރަފްކުރުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ފަށާފައި ކަމަށާއި މި މަސައްކަތުގައި އެކުންފުނީގެ ދަށުން ހިންގާ ޕްރޮޑަކްޝަން ފެސިލިޓީގެ އުފެއްދުންތެރިކަން އިތުރުކޮށް، މި ހާރުން މިހާރަށް ވަޒީފާގެ 200 ފުރުސަތު މިފްކޯއިން ވަނީ ހުޅުވާލާފައި ކަމުގައިވެސް މިފްކޯއިން ހާމަކުރެ އެވެ.

މިފްކޯއިން އިތުރަށް ބުނީ މިފްކޯފެ އުފެއްދުންތެރިކަން އިތުރުވަމުންދާ މިންވަރަކަށް، ރާއްޖޭން ބޭރުކުރެވޭ ފިނިކުރި މަހުގެ މިންވަރު ދަށްކުރެވި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއެކު، ދިވެހި މަސްވެރިންނަށް އެކަމުގެ އަސަރު ނުފޯރާނޭ ގޮތެއްގެ މަތިން، މަހުގެ ހަމަ އަގު ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިންނަށް ލިބިގެންދާނެކަމުގައިވެސް މިފްކޯއިން ޤަބޫލުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް