ބިސްމީގެ ބަރަކާތުން އޭނާ ވެކްސިން ދޭން ފެށިއެވެ. އެއީ ވެކްސިންދިނުމުގައި ޒަމާންތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު އަންހެން ނަރުހެކެވެ. އޭނާގެ މޫނުމަތިން ވަރުބަލިކަން ފެންނަށް ހުއްޓެވެ. އެހެންނަމަވެސް މަސައްކަތުން އެ ކަމެއް ނުދައްކައެވެ. ވެކްސިން ދޭ މީހުންގެ މައުލޫމާތު ލިޔަން އިން ނަރުސް ވެކްސިންޖަހަން އަންނަ މީހުންގެ ނަން ނޯޓްކުރަމުން ދިޔައެވެ. އެތައްގަނޑުގެ ފައިލެކެވެ. ލިޔެ ލިޔެ އޭނާގެ އަތް ވަނީ ވާޅުވެފައެވެ. މުޅި މާލޭގައި ނުރައްކާތެރި ރޯގާ އެއް ފެތެރެމުންދާއިރު އެއްމެން ވެސް ބަލަނީ މީހުން އެއްވާތަންތަނަށް ނުގޮސްވޭތޯއެވެ. އެހެންނަމަވެސް ފުރާނަ އަތަށްލައިގެން އިންސާނީ ހިދުމަތުގައި މަސައްކަތްކުރާ ބަޔަކު އެބަތިއްބެވެ.
" ހެނދުނު އައި ގޮތަށް މިއުޅެނީ އަދި މިހިރީ ހެނދުނު ސައި ބުއިގޮތަށް" އިންފުލުއެންޒާ ވެކްސިން ޖަހަން އަންނަ މީހުންގެ މައުލޫމާތު ލިޔަން ދަމަނަވެށީގެ ކޮޓަރިއެއްގައި އިން ނަރުސް ކުއްޖާ ބުންޏެވެ. ގަޑި ބަލާލިއިރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. އެއީ އޭނާ ކުރި ޝަކުވާއެއް ނޫނެވެ. އަހަރެންގެ ސުވާލަކަށް ޖަވާބު ދިނީއެވެ. މީ ކޮންފަދަ ގުރުބާނީއެއްތޯއެވެ. ވެކްސިން ޖަހަން އަންނަ އެއްމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މަސައްކަތްކުރަނީ އަމިއްލަ ނަފްސް ނުރައްކަލުގެތެރެއަށް ވައްޓައިގެންނެވެ. އަދި އެ ނިމުނީއެއް ނޫނެވެ. މީހުން އަންނަލެއް ގިނަކަމުން ކާއެތިކޮޅެއް ކާލަން ވެސް ވަގުތެއް ނުލިބިއެވެ.
އައިޖީއެމްއެޗާއި އޭޑީކޭ އަދި މި ނޫންވެސް ސިއްޚީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ތިކުރާ ގައުމީ އަދި ދީނީ މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާއެވެ. ސިއްހީ މަސައްކަތްތެރިން ތިކުރާ މަސައްކަތަށް ގިނަ ފަހަރު ކިޔެނީ ފާޑެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ މަސައްކަތް ބަލައިގަންނަ ބަޔަކުވެސް އެބަތިއްބެވެ.
" އަހަންނަށް އެއްމެ ބޮޑަށް ވިސްނެނީ މާބަނޑު ނަރުހުންނާއި ދޭތެރޭ" ދެ ކުދިންގެ މަންމައެއް ބުންޏެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މާބަނޑު މީހުންނަކީ އެޗްވަންއެންވަން ޖެހުމުގެ ނުރައްކާ އެއްމެ ބޮޑު އެއް ބަޔެވެ. އެހެނަސް އަމިއްލަ ނަފުސާއި ދަރިފުޅުގެ ފުރާނައަށްވުރެ ބޮޑަށް އަނެކާގެ ރައްކާތެރިކަމަށް ތިކޮށްދޭ މަސައްކަތަށް ޝުކުރިއްޔާއެވެ. ސިއްހީ މަސައްކަތްތެރިންގެ އިތުރުން ޓީޗަރުންނާއި އެހެނިހެން ފަރާތްތަކުން ދަނީ އަމިއްލަ އެދުމެއްނެތި ތަފާތު އެކި މަސައްކަތްކުރަމުންނެވެ. އެ ފަރާތްތަކުގެ ވާހަކަ ވަކިން ހިމަނާނުލިޔަސް އެ ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް