ރަންބީރު ކަޕޫރު ދުވަސް ކޮޅަކަށް އާންމުންނަށް ގެއްލެނީ!

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ރަންބީރު ކަޕޫރު ދުވަސް ކޮޅަކަށް އާންމުންނާއި ދުރަށްދާން ޖެހިއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ރަންބީރު އާންމުގެ ތެރެއަށް ނުކުމެ އުޅުން މަދު ކުރަން އެންގީ އޭނާ މިހާރު ...

29 Mar 2017 | 06:44

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ރަންބީރު ކަޕޫރު ދުވަސް ކޮޅަކަށް އާންމުންނާއި ދުރަށްދާން ޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަންބީރު އާންމުގެ ތެރެއަށް ނުކުމެ އުޅުން މަދު ކުރަން އެންގީ އޭނާ މިހާރު ކުޅެމުންދާ ސަންޖޭ ދަތުގެ ހަޔާތާއި ގުޅޭ ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އެވެ. ރާޖްކުމާރަކީ 2014 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "ޕީކޭ" ގެ ޑައިރެކްޓަރެވެ.

މިގޮތަށް އެންގީ އާންމުންގެ ތެރެއިން ރަންބީރު ފެންނަން ފެށުމުން ފިލްމުގައި އޭނާ ފެނިގެންދާ ގޮތް މާ ގިނައިން އާންމުވާތީ އެވެ. މިދިޔަ ހަފްތާގައި ވަނީ ރަންބީރު މަގުމަތިން ފެނިގެން މީހަކު ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ލާފައި އެވެ.

އެ ފޮޓޯގައި ރަންބީރު ފަލަވެފަ، އައިސްފަ ހުރި ބަދަލުން އެއީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމުގައި ރަންބީރު ފެނިގެންދާނެ އެއްގޮތް ކަމަށް މީހުން ބުނެފައިވެ އެވެ. މީގެ ކުރިން ރާޖްކުމާރު ހިރާނީ ބުނެފައިވަނީ ސަންޖޭ ދަތު އެކި ދުވަސް ވަރު ގެންގުޅެފައިވާ ސްޓައިލްތައް ދެއްކުމަށް އެ ފިލްމުގައި ރަންބީރު ތަފާތު ހަ ގޮތަކަށް ފެނިގެންދާނެ ކަމަށެވެ.

އާންމުންގެ ތެރެއިން ފެނުން މަދުކޮށްލަން ޖެހުނަސް އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ރަންބީރާއި ކެޓްރީނާ ކެއިފްގެ "ޖައްގީ ޖާސޫސް" ގެ ޕްރޮމޯޝަން ހަރަކާތްތަކުގައި އޭނާ ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު  އެ ފިލްމު ރިލީޒް ކުރުން ފަސް ކުރަން ނިންމާފައިވާ  ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާރު ނުނިމި ހުރީ ވަރަށް މަދު މަސައްކަތެއް ކަމަށްވެ އެވެ. އަދި މި ފިލްމަށް ދޭނެ ނަމެއް ނިިންމާފައި ނުވާއިރު ނަމެއް ކަނޑައަޅަނީ މުބާރާތެއް ބާއްވާއިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް