ހޯމަ ދުވަހު ނެގި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކަންކަން ކުރިޔަށް ދިޔައީ މިނިވަން އިންސާފުވެރިކަމާއި އެކު ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނީ އެދުވަހު ވޯޓުލުން ކުރިޔަށްދިޔަ ގޮތާއި މެދު ކަންބޮޑުވާކަމަށް އެމެރިކާ އެމްބަސީން ބުނެފައިވާތީ ރައްދު ދެމުންނެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިދިކޮޅު ފަރާތްތަކުގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ވޯޓުގެ ކަންކަން ހިނގައި ދިޔައީ ދެ ފުށް ފެންނަ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ކަމަށެވެ. އަދި އެ ވޯޓުގެ ކަންކަން ނިމުނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހްތިރާމްކޮށް، މިނިވަން މުއައްސަސާތަކުގެ ނިންމުންތައް ބަލައިގަނެ، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
މަސީހުގެ ވޯޓު ކުރިއަށް ގެންގޮސްފައިވަނީ ރޯލް ކޯލް ވޯޓު ނުވަތަ ވަކި މެންބަރުންނާއި ސުވާލުކޮށް ވޯޓު ނަގައިގެންނެވެ. އެގޮތަށް އެ ވޯޓް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދާ ވެސް ޚިލާފު ކަމެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ޖަލްސާ އަށް ހުރަސްއެޅި އެވެ.
އޭގެ އިތުރުން އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓްކުރި އެވެ. އެހެންވެ ވޯޓުގައި ބައިވެރިވީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް