އޮޕަރޭޝަން ކުރުމުންވެސް "ޓްރީ ގާލް" ރަނގަޅެއް ނުވި

މަދުން ނޫނީ ދުނިޔެއިން ނުފެންނަން ބައްޔެއް ކަމަށްވާ "ޓްރީ މޭން ސިންޑްރޮމް" ފެނުނު ފުރަތަމަ އަންހެން ކުއްޖާއަށް ފަރުވާދޭން ބޭނުން ނުވާ ކަމަށް ބުނެ އޭނާ ގެ ބައްޕަ ހޮސްޕިޓަލުން ގެންގޮސްފި އެވެ. “ޓްރީ މޭނ...

29 Mar 2017 | 04:17

މަދުން ނޫނީ ދުނިޔެއިން ނުފެންނަން ބައްޔެއް ކަމަށްވާ "ޓްރީ މޭން ސިންޑްރޮމް" ފެނުނު ފުރަތަމަ އަންހެން ކުއްޖާއަށް ފަރުވާދޭން ބޭނުން ނުވާ ކަމަށް ބުނެ އޭނާ ގެ ބައްޕަ ހޮސްޕިޓަލުން ގެންގޮސްފި އެވެ.

“ޓްރީ މޭން ސިންޑްރޯމް” ނުވަތަ އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ޖެހުމުން، ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެއް ހަށިގަނޑުގައި ފަޅައެވެ.

ބަންގްލަދޭޝްގެ އުމުރުން 10 އަހަރުގެ ސަހާނާ ކަތުލްގެ މޫނުގައި އެ އެއްޗެހިތައް ފަޅަން ފެށުމުން އޭނާގެ ބައްޕަ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ޑާކާގެ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި އެވެ. ސަހާނާގެ މޫނުގައި ފަޅާފައިހުރީ މަދު އެއްޗެހި ކަމުން ފުރަތަމަ އޮޕަރޭޝަންގައި ޑޮކްޓަރުން ވަނީ އެ ހުރިހާ އެއްޗެއް ނަގާފައި އެވެ.

އެކަމަކު ސަހާނާގެ ބައްޕަ ބުނީ އޮޕަރޭޝަނަށް ފަހު ދަރިފުޅުގެ ހާލު ރަނގަޅުވިޔަސް އަނެއްކާވެސް އެ އެއްޗެހިތައް މޫނުގައި ނަގަން ފަށާފައިވާ ކަމަށެވެ. އެހެންވެ އެބަލިން ސަހާނާ ސަލާމަތްވާނެ ކަމަށް ގަބޫލު ނުކުރެވޭތީ އިތުރަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ބޭނުން ނުވާ ކަމަށެވެ.

ސަހާނާގެ ބައްޕަ ބުނީ އެޑްމިޓްކޮށްގެން އެހާ ގިނަ ދުވަހު ފަރުވާދޭން ޖެހި، ވަޒީފާއެއް ނެތިހުންނަން ޖެހުމުން ސަހާނާއަށް ދޭނެ ކާއެއްޗެއް ގަންނާނެ ފައިސާ ނެތް ކަމަށެވެ. އަދި އާއިލާގައި ހުރި ހަމަ އެކަނި މީހާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮންނަތަން ބަލަން ބޭނުން ނުވާ ކަމަށެވެ.

ސަހާނާ ގެންދިއުމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ތިބީ ހިތްހަމަ ނުޖެހިފައި އެވެ. އެމީހުން ބުނީ އިތުރަށް ފަރުވާ ދީގެން ސަހާނާ ރަނގަޅު ކުރެވިދާނެ ކަމަށާއި އެކަމަކު އޭނާގެ ބައްޕަ އެގޮތް ބޭނުން ނުވެގެން ގެންދިޔައީ ކަމަށެވެ.

މި ބަލި ޖެހިފައިވާ އިތުރު މީހަކަށްވެސް އެ ހޮޕިސްޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ބަންގްލަދޭޝްގައި “ޓްރީ މޭން” ގެ ނަމުން ނަންދެވިފައިވާ އަބުލް ބަޖަންދަރުގެ ދެ އަތް އޮޕަރޭޝަން ކޮށްފައިވާއިރު ޑޮކްޓަރުން ބުނީ 16 ފަހަރު އޮޕަރޭޝަންކޮށް އަތުން ނެގި ކޮންމެ ބައެއްގައި ފަސް ކިލޯގްރާމް ހުރި ކަމަށެވެ.

އުމުރުން 27 އަހަރުގެ އަބުލް ބަޖަންދަރަށް އެ ބަލި ޖެހުނީ މީގެ 10 އަހަރު ކުރިންނެވެ.

މި ބަލި ޖެހިފައިވާ މީހުންގެ ވާހަކަތައް ނޫސްތަކުގައި ޖަހަން ފެށުމުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ މި ބަލިޖެހިފައިވާ ކޮންމެ މީހަކަށް ސަރުކާރުން ހިލޭ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި އެވެ.

ބަންގްލަދޭޝްއަކީ މިފަދަ ތަފާތު ގޮތް ނޭނގޭ ބަލިތައް ގިނަ ގައުމެކެވެ. އެގޮތުން ހަ ލައްކައަށް ވުރެ ގިނަ މީޙުން ގޮތް ނޭނގޭ ބަލިތަކުގެ ޝިކާރައަށްވެފައި އެބަތިބި ކަމަށް ރެކޯޑުކުރެވިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް