މާރާމާރީ ހިންގައި މީހުން މަރާ މީޙުންނަށްވުރެ ހިތްވަރުދޭ މީހުން ހޯދައި އެނގެން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރަހުމު ކުޑަކޮށް މީހުން މަރާ "މަގުމައްޗަށް ވައްޓާލުމަކީ" އެއްވެސް މުޖުތަމައުއަކުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ އަނިޔާވެރި އަމަލު ހިންގާ ފަރާތްތަކާ ހަމައަށް ގާނޫނު ފޯރާއިރު، މިކަންކަން ރާވައި، މިކަމަށް ހިތްވަރުދޭ ފަރާތްތައްވެސް ހޯދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފާއިތުވި އަށް ދުވަހުގެ ތެރޭގައި ތިން މީހަކު މަރާލުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް އާންމުންގެ ތެރެއިން އެފަދަ ކަންކަމާއި މެދު ކަންބޮޑުވުން އުފައްދަނީ ކިތައް މީހުން ކަމާއި މެދު ސުވާލު އުފައްދަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ﷲގެ އިރާދަކުރެއްވިއްޔާ ގާނޫނު އަނބުރާ އެ މީހުންނާ ހަމަކުރާއިރު މީގެ ހަގީގަތެއް އެނގޭއިރު މިކަން މި ކުރަނީ ކޮންބައެއްކަން ވެސް އަޅުގަނޑުމެންނަށް އެނގޭނެ. މިކަންކަމަށް ހިތްވަރުދޭ މީހުން އަޅުގަނޑަށް އެނގެން މާ ބޮޑަށް ވެސް މުހިއްމު،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ރާއްޖޭގެ ހަމަޖެހުން ނަގާލާ ބަޔަކީ މާރާމާރި އާއި މީހުން މެރުމަށް ހިތްވަރުދޭ މީހުން ކަމަށާއި އެމީހުން އުޅޭހާ ހިނދަކު ކިތަންމެ މަސައްކަތެއް ފުލުހުން ކުރިޔަސް އެކަންކަން ހުއްޓުވުމަށް ދަތިވާނެ ކަމަށެވެ.
އަދި ވިދާޅުވީ މީހުން މަރާ، މާރާމާރީ ހިންގުން ފަދަ ކަންކަމަކީ ޑިމޮކްރަޓިކް މުޖުތަމައުއަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި ކަމަށްވާނަމަ އެންމެ ފުރަތަމަ ވެސް އަޑުގަދަ ކުރަމުންދާނީ "އިންސާނީ ހައްގުތަކުގެ ނަމުގައި" މަސައްކަތް ކުރާ ފަރާތްތައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ހަގީގަތުގައި ދިވެހިރާއްޖޭގައި ހަމަޖެހުން ނަގާލާ މީހުންނަކީ މިދެންނެވި މީހުން. މިދެންނެވި ކަންތައްތައް ޔުނީފޯމްގައި ތިބެގެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަދި ފުލުހުންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ނުކުތް ކަމުގައި ވިއަސް މި ދެންނެވި ކަހަލަ ރަހުމު ކުޑަ އަމަލުތައް ދިވެހިރާއްޖޭގައި މިއަދު ހިނގާތީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ،" މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުޅި މުޖުތަމައުގެ ސަލާމަތަށޤވުރެ މުހިންމު ކަމެއް ސަރުކާރަށް ނޯންނާނެ ކަމަށެވެ. އަދި ރަހުމް ކުޑަ މުޖުތަމައުއަކަށް މި ގައުމު ވެގެންދާތަން ބަލަން ނުހުންނާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ ފުލުހުން މިއަދު މަސައްކަތް ކުރަމުން ދަނީ ގާނޫނުން މަތިކޮށްފައި އޮތް އަދި ގާނޫނުން ދީފައިވާ ޒިންމާތަކެއް ގާނޫނާ އެއްގޮތަށް އަދާ ކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް