މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީއިން ކުރިއަށްގެންދާ "ދަސްވާރު 2015" މި ޕްރޮގްރާމްގައި އެސްޓީއޯއިން ބައިވެރިވެއްޖެ އެވެ.
އެކަމަށްޓަލައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އުފާ ޕްރޮގްރާމް އޮފީހުގެ ފަރާތުން ފާތިމަތު ސޯފިޔާ ރަޝީދެވެ. އެސްޓީއޯ ގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަހީރެވެ.
އެސްޓީއޯއިން ބުނީ، އެ އެއްބަސްވުމުގެ ދަށުން އިލެކްޓްރިޝިއަން، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް، ފޮޓޯގްރަފީ، އޮޓޯމޯޓިވް މެއިންޓެނެންސް އަދި ރީޓެއިލް ސާވިސަސްގެ ދާއިރާތަކުން އެސްޓީއޯގެ އެކިއެކި ވޯކްސައިޓްތަކުން ބައިވެރިވާ ދަރިވަރުންނަށް ތަމްރީން ދޭޏެ ކަމަށެވެ. އެގޮތުން މިފަހަރު 23 ދަރިވަރަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ.
އެސްޓީއޯއިން ބުނީ އެ ދަރިވަރުން ހަމަ ދުވަސްވަންދެން ތަމްރީން ހޯދާގޮތަށް ހަމަޖެހިފައިވާއިރު މަސައްކަތް ކުރަންޖެހޭނީ ހަފްތާއަކު ތިން ދުވަހު ކަމަށެވެ. އެކުންފުނިން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އެންމެ ބޮޑު އަމާޒަކީ އެސްޓީއޯގެ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުވާ އެ ކުންފުންޏަކީ 100 އިންސައްތަ ދިވެހިން މަސައްކަތް ކުރާ ތަނަކަށް ހެދުން ކަމަށެވެ.
އެސްޓީއޯއިންވަނީ މިދިޔަ އަހަރުގައިވެސް ދަސްވާރު ޕްރޮގްރާމްގެ 30 ދަރިވަރަކަށް އެކުންފުނީގައި މަސައްކަތް ދަސްކުރުމުގެ ފުރުސަތު ދީފައެވެ.
އެންމެ ކުއްޖަކުވެސް ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ފެށި ދަސްވާރު ޕްރޮގްރާމްގައި 181 ދަރިވަރަކު ބައިވެރި ވެފައިވާއިރު މިއަހަރުގެ މިހާތަނަށް 234 ދަރިވަރަކުވަނީ ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވެ މަސައްކަތުގެ ތަޖްރިބާ އާއި ތަމްރީން ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް