ޗާންދަނީ މަގު ޔޫރޯ ސްޓޯރު ކައިރިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ، ބޮލުގައި ދަގަނޑުބރިއަކުން ޖެހުމުގެ ސަބަބުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލި އެމީހާއަށް މާ ބޮޑެތި ޒަހަމްތަކެއް ލިބިފައިނުވާކަމަށެވެ.
އުމުރުން 23 އަހަރުގެ އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ ރޭ 11:45 އެހާކަންހާއިރު އެވެ. އެމީހާއަށް ހަމަލާ ދީފައިވަނީ ޔޫރޯ ސްޓޯރު ކައިރިން ދަނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ.
އެމީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާއިރު، ރޭ އައިޖީއެމްއެޗް ކައިރިން ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މީހަކު ވަނީ އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.
ފުލުހުން ބުނީ އެ ދެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް