ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި، އިސް ގާޒީ ހައްޔަރުކުރި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ގާޒީ ސުޖާއު އުސްމާނާއި ގާޒީ އަބްދުﷲ ދީދީގެ އިތުރުން ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓަށް ދެއްވާފައިވާ ބަޔާނުގައި ސޮއިކުރެއްވުމަށް އެމަނިކުފާނު އިންކާރު ކުރައްވާފައިވާ ކަމަށް ބުނެ، މިމަހުގެ 23 ވަނަ ދުވަހު އެ ކޯޓުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ލައްވައި ބަޔާނުގައި ސޮއިކުރަން ކްރިމިނަލް ކޯޓުން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ބަޔާނުގައި ސޮއިކުރެވޭނީ ގާނޫނީ ވަކީލުންގެ ހާޒިރުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
"މި މައްސަލައިގެ ފުރަތަމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށްފަހުގައި، ރައީސް މުހައްމަދު ނަޝީދު އެދުވަހު ކޯޓްގައި ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެ އުފައްދާފައިވާ ލިޔުމެއް ރައީސް މުޙައްމަދު ނަޝީދުއަށް ދެއްކެވިއެވެ. އެދުވަހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެލިޔުމަކީ އެމަނިކުފާނު އެދުވަހު ކޯޓުގައި ދެއްކެވި ވާހަކަތަށް ބަޔާންކުރާ ލިޔުމެއް ނޫންކަމަށެވެ. އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތަށް ހިމަނައި، އެލިޔުން އިސްލާހުކޮށްދެއްވުމަށް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތެވެ. މިއަދާ ހަމައަށްވެސް ކްރިމިނަލް ކޯޓުން އެކަން އެގޮތަށް ނުކުރައްވައެވެ،" ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރީ އެމަނިކުފާނު ރާއްޖޭގެ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސް ބަހައްޓާފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް