އެންމެންގެ މަގުބޫލު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފުވައްމުލަކަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރ.އާރ)، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން ފުރަތަމަ ފަހަރަށް އެއްރަށް ހިމެނޭ ހަމައެކަނި އަތޮޅު ކަމުގައިވާ ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކ...

29 Jan 2025 | 15:09

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރ.އާރ)، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން ފުރަތަމަ ފަހަރަށް އެއްރަށް ހިމެނޭ ހަމައެކަނި އަތޮޅު ކަމުގައިވާ ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އެ ކުންފުނިން މިއަދު އިއުލާނުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީހީ ދުވުން، 'ދިރާގު ފުވައްމުލައް ރަން' ބާއްވަން ހަމަޖެހިފައިވަނީ 2 މެއި 2025 ގައެވެ.

މިއަދު 'ދިރާގު ފުވައްމުލައް ރަން' ލޯންޗްކުރުމަށް ފުވައްމުލަކު ސިޓީގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، ޢަލީ ރިޔާޒް ވިދާޅުވިގޮތުގައި "މިއީ، ޑީ.އެމް.އާރ.އާރގެ ދަށުން މާލޭން ބޭރުގައި ބާއްވާ ފުރުތަމަ ދުވުމަށްވެފައި، މިއީ ޑީ.އެމް.އެމް.އާރއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް. ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސަރޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މީގެ އިތުރުން، މި އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްއޫރުވެގެންދާނެ.

މި ދުވުން ފުވައްމުލަކުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ވަރު ހިއްސާކުރައްވަމުން، ފުވައްމުލަކު ސިޓީގެ މޭޔަރ، އިސްމާޢިލް ރަފީޤް ވިދާޅުވިގޮތުގައި، ދިރާގުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ މި ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މި އިވެންޓުގެ ސަބަބުން، ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، މި ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

"އެހެންކަމުން، ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން 'ދިރާގު ފުވައްމުލައް ރަން' ގައި ބައިވެރިވެ މި ރަށުގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް ދައުވަތުއަރުވަން. އަޅުގަނޑުމެން މި ތިބީ މި ދުވުމުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކުރާނެ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާ އެއް ކިއުމަށް ތައްޔާރަށް." މޭޔަރު ވިދާޅުވިއެވެ.

'ދިރާގު ފުވައްމުލައް ރަން' އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި dmrr.mv މެދުވެރިކޮށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިރާގުން ބުނެފައިވެއެވެ.

'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީ.އެމް.އެމް.އާރ ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް