އިތުރު ތިން ފަރާތަކުން ފަވަރަގެ ޚިދުމަތްތައް ދޭން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އިން ޚިދުމަތް ދިނުމަށް އިތުރު ތިން ފަރާތަކުން ބައިވެރިވެއްޖެއެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުގ...

29 Jan 2025 | 06:36

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އިން ޚިދުމަތް ދިނުމަށް އިތުރު ތިން ފަރާތަކުން ބައިވެރިވެއްޖެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުގައި ސިސްޓަމްގައި އަލަށް ބައިވެރިވެ ފަވަރަގެ ޚިދުމަތް ދޭންފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ. މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅޭ ފުރަތަމަ ފަރާތްކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. އަދި އެ ތިން ފަރާތުން ވެސް ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގގެ މަރުހަލާވެސް ފުރިހަމަ ކޮށްފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.

"ސިސްޓަމާއި ގުޅުމާއިއެކު މި ތިން ފަރާތުގެ ޚިދުމަތްތައް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް މިއަދުން ފެށިގެން ލިބިގެންދާނެ، ފަވަރަ އާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއި އެކު ރާއްޖޭގައި ބޭންކިންގގެ ޚިދުމަތް ދެމުންގެންދާ ހުރިހާ ބޭންކުތަކެއް މިހާރު މިވަނީ ސިސްޓަމްގައި ބައިވެރިވެފައި މިއާއެކު އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން މިހާރު ކުރެވޭނެ" އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ކުރިޔަށް އޮތްތަނުގައި ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ސިސްޓަމާއި ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް