ސިއްހީ މިންގަނޑަށް ނުފެތޭތީ ސަޢޫދީ އަރަބިއްޔާގައި ބަޖިޔާ ފެކްޓަރީއެއް ބަންދުކޮށްފިއެވެ.
އަރަބި ނޫސްތަކުގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި ބަންދުކުރި އެ ފެކްޓަރީއަކީ ޖިއްދާގެ އަލް ވަހާ ސަރަހައްދަށް ނިސްބަތްވާ ފެކްޓަރީއެކެވެ.
އެ ފެކްޓަރީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް 2.7 ޓަނުގެ ކާބޯތަކެތި ހިފަހައްޓާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި 1750 ކިލޯގެ ފުއް ނައްތާލައި 1000 ކިލޯގެ ބަޖިޔާ ޝީޓް ނައްތާލާފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި އެއީ ރަޖިސްޓްރީ ނުކޮށް އަދި ސިއްހީ ގޮތުން ރައްކާތެރި ކަމުގެ ސެޓިފިކެޓްވެސް ނެގުމެއްނެތި ހިންގަމުންދިޔަ ތަނެކެވެ. އެތަނުގައި މުވައްޒަފުންގެ އަތުގައިވެސް އެފަދަ ސެޓިފިކެޓެއް ނެތް އިރު ތަނުގެ ތެރޭގައި ކުނި ޖަމާވެފައި ހުރުމާއި ކާބޯތަކެތި ތައްޔާރުކުރުމުގައި ތަޣައްޔަރުވެފައިވާ އާލާތްތައް ބޭނުންކުރުމާއި ބިންމަތީގައިވެސް ކާބޯތަކެތި އަތުރާފައި ހުރުމާއި ސިއްހީގޮތުން ރަނގަޅު ހާލަތަށް ނުފެތޭ އެތައް ކަމެއް ފާހަގަކުރެވުނު ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް