ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ވަޒީރުން އަލުން މަޤާމަށް އައްޔަންކޮށް، ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސުޕްރީމް ކޯޓުން އެކަން ވަނީ ރައީސް އޮފީހަށް އަންގާފައެވެ. އެހެން ނަމަވެސް ރައީސް އޮފީހާއި ސުޕްފީމް ކޯޓުގެ ރަސްމީ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ވޯޓަށް އަހާފައިވަނީ މިއަދު އޮތް ޖަލްސާގައެވެ. މަޖިލީހުގެ މެމްބަރުންގެ ވޯޓާއެކު ބަންޑާރަނައިބު އަހުމަދު އުޝާމް އާއި، ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދާއި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދިނުމަށް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުން މިފަދައިން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަންކޮށް، ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓަށް އެދިފައެވެ. އެކަމަށް އުއްތަމަ ފަނޑިޔާރު ދެކޮޅު ހައްދަވާފައިވާކަން ދުވަސް އަށް ވަނީ އެނގިފައެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް