ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެގޮތަށް ނިންމާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ރައީސް މުޢިއްޒު ވަކިކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ މައްސަލައަށް ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފައިވާކަމަށް އެ ޕާޓީ އިން ބުންޏެވެ.
ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުން ސަބަބު ބަޔާންކޮށް މަޖިލީހަށް މައްސަލައެއް ހުށަހެޅިދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެއްވޭނީ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓާއެކުއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމަށް ހުށަހެޅޭނެ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ނުވަތަ ޤާނޫނު އަސާސީއާ ނުވަނަ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވުމާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުމާއި އަދާކުރަންޖެހޭ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވުން ހިމެނެއެވެ.
މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް