ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ވަޒީރުންނަށްވެސް ރުހުން ނުދޭން ނިންމާފައިވާކަމުގެ އިޝާރާތެއް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދީފިއެވެ.
އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އިއްޔެއަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ކަޅު ދުވަހެއް ކަމަށާއި އިއްޔެގެ ޖަލްސާތަކުން ފެނުނީ ބާރާއި ނުފޫޒު އޮތް ފަރާތްތަކުން ނުފޫޒު ފޯރުވިތަން ކަމަށެވެ.
ސަލީމް ވިދާޅުވީ އިއްޔެ ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ވަޒީރުންނަށް ރުހުން ދިނުމާމެދު ޕާޓީގެ ވިސްނުން މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ. އަދި ވޯޓުލުމުގައި ބަލާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ކަމަށާއި އެއްވެސް ނިންމުމަކަށް ބަދަލެއް ނާންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީ އިން ކުރިން ނިންމާފައިވަނީ ހަތަރު ބޭފުޅަކަށް ރުހުން ނުދިނުމަށެވެ. އެއީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އެވެ.
އެކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގާ، ގަޔަށް އަތްލައި މާރާމާރީވެސް ވަނީ ހިންގާފައެވެ. މި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށްވެސް ވަނީ ގެންގޮސްފައެވެ.
ހަމަނުޖެހުންތަކާ ގުޅިގެން މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން ފެށި ނަމަވެސް ރޭ 11 ޖެހުމާ ހަމައަށްވެސް ޖަލްސާ ކުރިއަށްގެންދެވޭ ގޮތް ނުވެގެން ވަނީ ނިންމާލާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުން ބާއްވާ ޖަލްސާ މިއަދު 11:00 އަށް ތާވަލުކޮށްފައިވީނަމަވެސް، 1:00 އަށް މިހާރު ވަނީ ފަސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް