މިފްކޯ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ރައީސް ނިންމަވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓަޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރ...

29 Jan 2024 | 05:17

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓަޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ .

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ކަނޑައަޅާފައިވާ ކަންތައް ފުރިހަމަކުރުމަށް މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް ޢައްޔަނުކުރުމަށް އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެހާ މަސްވެރިން ޝާމިލުވުން ހިމެނޭގޮތަށް 'މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ' އެއް އެކުލަވައިލުމަށް އެންމެ އެކަށޭނަ މޮޑެލަކާ ގުޅޭގޮތުން އެހެން ޤައުމުތަކުގެ ތަޖުރިބާއާއި، ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލުމަށާއި، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި މަސްވެރި މުޖުތަމަޢާއެކު އެއްބަސްވުމަކަށް އައުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް