ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމާ ގުޅޭ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފި

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތުތައް ތަޢާރަފުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެމަނިކުފާނު މި ސިޔާސަތުތ...

29 Jan 2024 | 05:12

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތުތައް ތަޢާރަފުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ސިޔާސަތުތައް ތަޢާރަފުކުރުމަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މިގޮތުން، ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރެއްވުމަށް ނިންމެވި ކަންކަމުގެ ތެރޭގައި، ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުރުރާސްތާ އަދި މެދުރާސްތާ ޕްލޭނެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރާނެ ސަރަހައްދުތަކެއް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކަނޑައެޅުއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމެވިއެވެ. ހަމައެއާއެކު އެތަންތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެންނަ މޮޑެލް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕްބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކުން ނަގަމުންދާ ފީ މުރާޖާކޮށް، މިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފެންނަގޮތް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް