ރޯދަ ފެށެން މަހެއްހާ ދުވަސް،  ރޯދައަށް ތައްޔާރުވާންވީ ވަގުތަކީ މީ

މިހެން ވިސްނަން ހިނގާށެވެ. ވަރަށް ވަރުގަދަ ދުވުމެއް އެބަ އާދެއެވެ. ޝައްކެތްވެސް ނެތެވެ. އެ ރޭހަށް ދުރާލާ ތައްޔާރުވާނެއެވެ. ޕްރެކްޓިސް ކުރާނެއެވެ. ކެއުމަށް ބަދަލު ގެންނާނެއެވެ. ދިރިއުޅުން ވައްޓަފާޅި އާ...

29 Jan 2024 | 03:28

މިހެން ވިސްނަން ހިނގާށެވެ. ވަރަށް ވަރުގަދަ ދުވުމެއް އެބަ އާދެއެވެ. ޝައްކެތްވެސް ނެތެވެ. އެ ރޭހަށް ދުރާލާ ތައްޔާރުވާނެއެވެ. ޕްރެކްޓިސް ކުރާނެއެވެ. ކެއުމަށް ބަދަލު ގެންނާނެއެވެ. ދިރިއުޅުން ވައްޓަފާޅި އާއި ބައްޓަމަށް ބަދަލުތަކެއް ގެންނާނެއެވެ. ރޯދަ މަހަކީ މުޅި އަހަރުގައި އަންނަ އެންމެ ޚާއްސަ މަހެވެ. އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑޑު ލައިލަތުލް ގަދްރް ހިމެނޭ ރޭ އަންނަ މަހެވެ. މުޅި އިސްލާމީ އުއްމަތަށް ޚާއްސަ މެހެކެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ މަހެކެވެ. ކެއުން ބުއިމާއި ދުނިޔެވީ އުފާތައް ހާސިލްކުރުމުގައި ވަކި ހަމަތަކާއި އުސޫލްތައް ހިމެނޭ މަހެކެވެ.

އެހެންކަމުން މި މަހަށް މިހާރުއްސުރެ ތައްޔާރުވުމަކީ އެ މަހުގެ ފައިދާ އާއި މަންފާ ފުރިހަމަ ގޮތުގައި ލިބި ގަތުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ވާނެއެވެ. ކާމިޔާބް ކަމާ އެކީ ރޭސް ނިންމާލުމަށް ރަނގަޅަށް ތައްޔާރުވުން މުހިއްމެވެ. މި ގޮތުން ތިރީގައި މި ހިމަނާލަނީ ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1. ގިނަގިނައިން އިސްތިޢުފާރުކުރުން

ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް ތިބާ އަށް ކުރެވިފައިވާ ކުށްތަކަށް މައާފަށް އެދޭށެވެ. ފާފަ ފުއްސެވުން އެދި ދަންނަވާށެވެ. ތިބާ އާއި އެކަލާގެ ރަހުމަތާއި ދެމެދު އޮތް ހުރަހަކަށް ފާފަތައް ނަހަދާށެވެ. ހަމަކަށަވަރުން އެކަލާގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަހުމަތުގެ ވެރި ރަސްކަލާގެއެވެ. އިޚްލާސްތެރި ހިތަކާއި އެކު ދަންނަވާށެވެ.

2. ކީރިތި ގުރުއާން ކިޔެވުން އިތުރުކުރުން

ރަމަޟާން މަހަކީ އެމަހެއްގެ ކީރިތި ގުރުއާން ބާވާލެއްވި މަހެވެ. އެ މަހަށް ތައްޔާރުވުމުގެ ގޮތުން މިހާރުއްސުރެ ގުރުއާން ކިޔެވުން އިތުރުކުރާށެވެ. ވަކިން ޚާއްސަކޮށް ގުރުއާންހެ ތަރުޖަމާ އާއި ތަފްސީރަށް އިސްކަންދޭށެވެ. އޭރުން އާޔަތްތަކުގެ ލަފްޒީ ތަރުޖަމާ އަށް ވުރެ ބޮޑަށް އެނގޭނެއެވެ. އަދި އެ ގުރުއާން ކިޔަވާއިރު ކުރެވޭ އިހްސާސް ތަފާތު ވާނެއެވެ. އެންމެ މަދުވެގެން އެއް ޚަތިމްކުރަން ނިޔަތް ގަންނާށެވެ. ރަނގަޅި ވީހާވެސް ގިނަވި ވަރެކެވެ.

3. ދުއާތައް ދަސްކުރުން

ރޯދައިގެ ކުރިން ދަސްނުވެ ހުރި ބައެއް ދުއާތައް ދަސޮކޮށްލާށެވެ. ނުވަތަ ބައެއް ދުއާތައް ހަނދާން އާކޮށްލާށެވެ. އަދި ރޯދަ މަހުގައި ތިމާ ކުރަން ބޭނުންވާ ވަކި ޚާއްސަ ދުއާއެއް އޮތްނަމަ ނޯޓްކޮށްލާފަ ބާއްވާށެވެ. މިހާރުއްސުރެ ރަނގަޅު ސިއްހަތަކާއި އެކު ރޯދަ މަސް ދެއްވާތޯ ދުއާ ކުރާށެވެ.

4. ސުންނަތް ރޯދަ ހިފުން

ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ސުންނަތް ރޯދަ ހިފުމެވެ. އެގޮތުން ހޯމަ ބުރާސްފަތީގައި ރޯދަ ހިފިދާނެއެވެ. ނުވަތަ ހަނދުމަހުން 13، 14، 15 ގައި ރޯދަ ހިފިދާނެއެވެ. ވަކިން ޚާއްސަކޮށް ޝައުބާން މަހު ރޯދަ ހިފުން އިތުރުކުރާށެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން އަޅަމެންގެ ރަސޫލާ ( ސ.އ.ވ) ވަރަށް ގިނައިން ޝައުބާން މަހު ރޯދަ ހިއްޕެވިއެވެ.

5. ޒިކުރު ކުރުން އިތުރުކުރުން

އާދޭހެވެ، އަބަދުވެސް ޒިކުރު ކުރުން ގިނަ ކުރަންޖެހެއެވެ. އެހެންނަމަވެސް ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ޒިކުރު ކުރުން ގިނަ ކުރާށެވެ. އޭރުން އިމާންތެރިކަން އިތުރުވާނެއެވެ. ހެނދުނާއި ހަވީރުގެ ޒުކުރުތައް މިހާރު ނުކިޔާނަމަ އަވަހަށް ކިޔަން ފަށާށެވެ. މިއަދުން ފެށިގެން ކިޔަން ނިޔަތް ގަންނާށެވެ. ދީނީ ދަރުސްތައް ގިނައިން އަޑުއަހާށެވެ.

މި ބަޔާންކުރެވެނީ ބައެއް ކަންތައްތަކެވެ. އަދިވެސް ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތައް ކުރެވިދާނެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، އަޅަމެން ހެޔޮ ހާލުގައި ރޯދަމަސް ހޭދަ ކުރުމުގެ ތައުފީގް ދެއްވާދޭވެ. އަދި އިބަ ރަސްކަލާގެ އަށް ޚާލިސްކަމާއި އެކު އަޅުކަން ކުރުމުގެ ހިތްވަރު އަޅަމެންނަށް ދެއްވާދޭވެ. އަޅަމެންނަށް ޖަންނަތުލް ފިރްދައުސް ދެއްވާދޭވެ. އާމީން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް