90ގެ އަހަރުތަކަށްފަހު ފުރަތަމަ ފަހަރަށް ކަސްމީރުގެ ސިނަމާއެއް ފުލްވެ ފާހަގަކުރެވޭ ކަމަކަށް މިކަން ވެގެންގޮސްފިއެވެ.
އިއްޔެ ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯންގެ އެންމެ ފަހުގެ ފިލްމު "ޕަޓާން" ކަޝްމީރުގެ ސިނަމާ ކޮމްޕްލެކްސްގައި އަޅުވާފައިވާއިރު 1990ގެ އަހަރުތަކުގައި ޖައްމޫ ކަޝްމީރުގެ މަސްރަހު ގޯސްވެ އެ ސަރަހައްދުގެ ސިނަމާތައް މި ފަހަކާ ޖެހެންދެން ހުރީ ބަންދުކޮށްފައެވެ.
ނަމަވެސް މިދިޔަ މަހު އެ ކަޝްމީރުގައި ސިނަމާ ކޮމްޕްލެކްސް އެއް ހުޅުވާފައިވާއިރު މިއީ ބޮލީވުޑާއި ކަޝްމީރާއި އޮތް ޒަމާންވީ ގުޅުން އަލުން އިއާދަވެގެންދާނެ ކަމެއްކަމުގައި ބެލެވެއެވެ.
ޖައްމޫ އަދި ކަޝްމީރުގެ މަސްރަހަށް މިހާރު ފިނިކަމެއްވެސް ލިބިފައިވާއިރު ކަޝްމީރަކީ ކުރީގައި ބޮލީވުޑާއި ވަރަށް ގާތް ސަރަހައްދެކެވެ. އެގޮތުން 1949 ވަނަ އަހަރު ރާޖް ކަޕޫރުގެ ބަރްސާތު، އޭގެ އަހަރުތަކެއް ފަހުން ޝައްމީ ކަޕޫރުގެ ކަޗްމީރް ކީ ކަލީ، ޝަޝީ ކަޕޫރްގެ ޖަބް ޖަބް ޕޫކް ކިލޭ، ރިޝީ ކަޕޫރްގެ ބޮބީ އަދި 2000ގެ އަހަރުތަކުގައި މިޝަން ކަޝްމީރާއި ހައިދަރަކީ ކަޝްމީރާއި ގުޅުންހުރި ކަޝްމީރުގައި ކުޅެފައިވާ ފިލްމުތަކެވެ.
ކަޝްމީރުގެ އާ އެޑްމިނިސްޓްރޭޝަންގެ ބެލުމުގެ ދަށުން ކަޝްމީރަށް އަލުން ބޮލީވުޑް މަސައްކަތަކެއް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ފިލްމުތަކުގެ ޝޫޓިން އަށް ކަޝްމީރުގެ ހާއްސަ ތަންތަން ބުކް ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައިވެއެވެ.
ކަޝްމީރަކީ ދެކުނު އޭޝިޔާގެ އިންޑިއާ، ޕާކިސްތާނާއި ދެމެދު ބަހާލެވިފައިވާ ސަރަހައްދެކެވެ. މިއީ އިންޑިއާ ބައްރުގެ އުތުރު ބައިގައި އޮންނަ، އިންޑިއާ، ޕާކިސްތާން، އަފްޣާނިސްތާންގެ ބޯޑަރަށް ވާސިލު ވެވޭ ސަރަހައްދެކެވެ. މި ސަރަހައްދަކީ ހަނގުރާމައިގެ ދިގު ތާރީހެއް އޮތް ސަރަހައްދެކެވެ. ކަޝްމީރަކީ މުސްލިމުންނާއި ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންގެ ތަފާތު އާބާދީއެއް ދިރިއުޅޭ ތަނެކެވެ. ހިމާލަޔާން ފަރުބަދަ ހިމެނޭ ގޮތަށް ރީތި މަންޒަރުތަކުގެ ސަބަބުން މި ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް