ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ގްރީން ޕާޓީ އޮފް ދި މޯލްޑިވްސް (ޖީޕީއެމް) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
ޖާބިރު މީޑިއާގައި މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދުގެ ވަގުތެއްގައި ޑީއާރުޕީގެ ލީޑަރުކަމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.
އަދި މި ނިންމުން ނިންމާފައި ވަނީ މިވަގުތު ޑީއާރުޕީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާތީ ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެ.
މިގޮތުން ޖާބިރު ވިދާޅުވީ ސިޔާސީ ހަރަކާތް ފެށުމަށްޓަކައި އަލަށް އުފައްދާ އޭނާގެ އާ ޕާޓީއަށް ކިޔާނީ ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) ކަމަށެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ 3،000 މެންބަރުން ހަމަކޮށް ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
ޑީއާރުޕީ އުވާލަން ނިންމިއިރު ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓްގައި ވާދަކުރުމަށް އެޕާޓީގެ ލީޑަރު، ޖާބިރު ވަނީ ނިންމަވާފައެވެ.
އަދި ޑީއާރުޕީ އުވާލިނަމަވެސް ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ޖާބިރު މިއަދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް