މާޒީން އިބްރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާއެކު ކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތް: ނިޔާޒު

މާޒީން އިބްރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާއެކު ކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތް ކަމަށް އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޗ...

29 Jan 2023 | 10:10

މާޒީން އިބްރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާއެކު ކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތް ކަމަށް އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒު މިހެން ވިދާޅުވީ ދެ ރައީސުން ވާދަކުރެއްވި ފޯރިގަދަ ކެމްޕޭނު ހަރަކާތްތަކަކަށް ފަހު ޕާޓީގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ކުރައްވަން އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއް ގައެވެ.

އެގޮތުން މިކަމަށް އިޝާރަތްކުރައްވާ ނިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަކުރުމަކީ އެމްޑީޕީން ދަސްވި އަގުހުރި ފިލާވަޅެއް ކަމަށެވެ.

އަދި މާޒީން އިބްރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާއިއެކު ކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތްކަމަށް ވިދާޅުވެ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަނީ  މަރުހަބާ ދަންނަވާފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާފައި ވަނީ އިއްޔެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި އިރު، އަނެއްކޮޅުން ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިހެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

އަދި މި އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ރައީސް ޞާލިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް