ޕޯޗުތަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް ނަޞްރަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 200 މިލިއަން ޕައުންޑްގެ ފީއަކަށެވެ.
އިނގިރޭސި އެފްއޭއިން ދިން އަދަބާއި ގުޅިގެން އަލް ނަޞްރަށް ބަދަލުވެ ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުގައި ރޮނާލްޑޯއަށް ކުޅެވޭގޮތެއް ނުވިއެވެ. އެހެން ކަމުން ރޮނާލްޑޯ އަލް ނަޞްރުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗަކީ އަލް އިއްތިފާޤް އާއި ދެކޮޅަށް މި މަހުގެ 22 ވަނަ ދުވަހު ކުޅުނު މެޗެވެ. އޭގެ ފަހުން ރޮނާލްޑޯގެ ދެވަނަ މެޗަކީ ސައުދީ ސުޕަކަޕްގައި މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު އަލް އިއްތިހާދާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗެވެ.
މި ދެމެޗުގައި ވެސް ރޮނާލްޑޯއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، ދުނިޔޭގެ މީޑިއަތަކުގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް ސުޕަ ކަޕްގެ ސެމީފައިނަލުން އަލް އިއްތިހާދު އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ އަލް ނަޞްރު ކެޓި މެޗަށް ފަހު އެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ދައްކުޅުމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.
އެ މެޗަށް ފަހު އަލް ނަޞްރުގެ ކޯޗު ރޫޑީ ގާސިއާވެސް ފާހަގަކުރި ގޮތުގައި އެ މެޗުން އަލް ނަޞްރު ބަލިވާން ޖެހުނު ސަބަބެއްކަމުގައި ވަނީ ރޮނާލްޑޯއަށް އެ މެޗުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިމެވެ.
ރޮނާލްޑޯއާއި ގުޅޭ ގޮތުން ކޯޗު ގިނަ ވާހަތަކެއް ދެއްކިއިރު، އޭނާ ބުނެފައިވަނީ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީީ އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ ކުޅުންތެރިއެއް ކަމަށެވެ. ގާސިއާ އިތުރަށް ބުނެފައިވަނީ ރޮނާލްޑޯ އޭނާގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ދަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށެވެ.
ގާސިއާ ބުނީ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބް އަލް ނަޞްރާއި އެކު ކެރިއަރު ނިންމާލަން ބޭނުން ނުވާނެ ކަމަށާއި އަދި ޔޫރަޕް ފުޓްބޯޅައަށް ރޮނާލްޑޯ އެނބުރި ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ރޮނާލްޑޯ އެނބުރި ދިއުން އަދިވެސް އެންމެ ގާތީ އިނގިރޭސި ޕްރިމިއާ ލީގަށް ކަމަށާއި އޭނާއަށް އެންމެ ރަނގަޅު ލީގަކީ ވެސް އެއީ ކަމަށެވެ.
" ރޮނާލްޑޯ އަދި އެނބުރި ޔޫރަޕް ފުޓްބޯޅައަށް ދާނެ. އަލް ނަޞްރާއި އެކީ ރޮނާލްޑޯގެ ކެރިއަރު ނިންމާލަފާނެ ކަމަށް ބަގޫލެއް ނުކުރެވޭ." ގާސިއާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް