ޖަރުމަނު ލީގުގައި ރޭ އައިންޓްރަކްޓް ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗުންވެސް މޮޅު ނުވެވި ލީގުގެ އެއް ވަނަ މަޤާމު ގެއްލިދާނެ ކަމުގެ ބިރު ބަޔާން މިއުނިކަށް ހީވެއްޖެއެވެ.
އމިއްލަ ދަނޑުގައި ރޭ ފްރެންކްފަޓް އާއި ދެކޮޅަށް ބަޔާން ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ.
މިއީ ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ބްރޭކަށް ފަހު ބަޔާންއަށް މޮޅު ނުވެވި ނިންމާލަން ޖެހުނު ތިންވަނަ މެޗެވެ. މި ބްރޭކަށް ފަހު ބަޔާންއިން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެއްވަރުވެފައިވާއިރު، ރޭގެ ނަތީޖާއާއި އެކު ބަޔާން މިވަގުތު އޮތީ މިހާތަނަށް ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ލީގުގެ އެއްވަނާގައެވެ. ދެ ވަނައިގައި އޮތީ 18 މެޗުން 36 ޕޮއިންޓް ހޯދައިގެން ޔޫނިއަން ބާލިން އެވެ. ކުޅުނު 18 މެޗުން 35 ޕޮއިންޓާ ހޯދައިގެން ތިންވަނާގައި އޮތީ އާރްބީ ލައިޕްޒިގުއެވެ.
ރޭ ކުޅުނު މެޗުގައި ބަޔާންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔައިރު، އެޓީމަށް ލަނޑުޖަހަން ވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ވެސް ނުވެއެވެ. ރޭގެ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާނުންނެވެ. މެޗުގެ 34 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ލެރޯއި ސާނޭ އެވެ.
މެޗުގެ ފުރަތަމަ ހާފު ބަޔާނުން ލީޑުގައި އޮވެ ނިންމާލި ނަމަވެސް ފަހު ހާފަށް ކުޅެން އަރާ ފްރެންކްފަޓުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއްވެސް ތަނަވަސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެތުގައި ފްރެންކްފަޓުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފްރޭންކްފާޓަށް އެއްވަރުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީ އެވެ.
ލީގުގައި ދެން ބަޔާން ކުޅެން ޖެހޭ މެޗުގައި އެޓީމު ނުކުންނާނީ ރަށުން ބޭރުގައި ފުލްފްބާގާއި ދެކޮޅަށެވެ. ލީގުގެ އެއްވަނަ ދެމެހެއްޓުމަށް މި މެޗުން މޮޅުވުން އެޓީމަށް މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް