ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިންޑިއާގެ ލެޖެންޑަރީ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ގެ ހާލު ރަނގަޅުކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލަތާގެ ޢާއިލާ އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ބަލިން ރަނގަޅުވަމުން އަންނަކަމުގެ އަލާމާތްތައް ފެންނަމުންދާ ކަމަށާއި ނަމަވެސް އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.
އޭނާ ހޮސްޕިޓަލުގައި މިހާރު ބާއްވާފައިވަނީ ޢުމުރުން ދުވަސްވެފައިވާތީ އާއި އޮބްޒަރވޭޝަނަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ލަތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން އޭނާގެ ޢާއިލާއިން ބުނެފައިވަނީ ޕޮޒިޓިވްވި ނަމަވެސް ފެންނަމުންދަނީ މަދު އަލާމާތްތަކެއް ކަމަށެވެ.
އުމުރުން 92 އަހަރުގެ ލަތާ ވަނީ އިންޑިއާގެ އެކި ބަސްބަހުން 1،000 އަށްވުރެ ގިނަ ލަވަ ފިލްމުތަކަށް ކިޔާފައެވެ.
ދުވަހަކުވެސް ކައިވެންޏެއް ކޮށްފައި ނުވާ ލަތާއަށް ވަނީ ލަވަ ކިޔުމުގެ ރޮނގުން ގިނަ އެވޯޑުތަކެއް ވެސް ލިބިފައެވެ. އޭގެ ތެރޭގައި ނެޝަނަލް ފިލްމް އެވޯޑްސް، ބީއެފްޖޭއޭ އެވޯޑްސް، ފިލްމްފެއަރ އެވޯޑު ފޮރ ބެސްޓް ފީމޭލް ޕްލޭބެކް ސިންގަރ، ފިލްމްފެއަރ ސްޕެޝަލް އެވޯޑު އަދި ފިލްމްފެއަރ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހިމެނެއެވެ.
މީގެ އިތުރުން ޕަދްމާ ބުޝާން އޮނަރ، ދާދާސާހެބް ޕަލްކޭ އެވޯޑު، މަހާރަޝްތުރާ ބުޝާން، ޕަދްމާ ވިބުޝާން، ބާރަތް ރަތްނާ އަދި ލެޖަން އޮފް އޮނަރ 2007 ވެސް ވަނީ ލަތާ ހާސިލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް