ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް އެކްސިޑެންޓުވެ، ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއަށް ދެވޭ ހައިވޭގައި ކަމަށެވެ. އަދި އަނިޔާވެފައިވަނީ ކާރު ތެރޭގައި ތިބި ދެމީހަކަށް ކަމަށެވެ.
މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 9:40 ގައި ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގައި ޖަހާފައިވާ ފެންސްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަނިޔާ ވެފައިވަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށާއި އެ ދެމީހުންނަށް ވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް އެ ދެމީހުންނަށް ލިބުނީ ކޮން އަނިޔާއެއް ކަމާއި އެމީހުންގެ ހާލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި އެކްސިޑެންޓް ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް