ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމަކީ އެއާޕޯޓަކަށް ވުރެ ބޮޑު ނިޢުމަތެއް: ޤާސިމް

ށ. ކޮމަންޑޫ އާއި އެރަށާއި އެއްފަޅެއްގައި އޮންނަ ކޮމަންޑޫ ގުޅުވާލުމަކީ އެއާޕޯޓެއް ލިބުމަށްވުރެ ބޮޑު ނިޢުމަތެއް ކަމުގައި މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެ...

29 Jan 2022 | 15:23

ށ. ކޮމަންޑޫ އާއި އެރަށާއި އެއްފަޅެއްގައި އޮންނަ ކޮމަންޑޫ ގުޅުވާލުމަކީ އެއާޕޯޓެއް ލިބުމަށްވުރެ ބޮޑު ނިޢުމަތެއް ކަމުގައި މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނުގެ ހަރަކާތުގެ ތެރެއިން މިއަދު ހަވީރު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ޤާސިމް ވިދާޅުވީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމަކީ އެއަރޕޯޓަކަށްވުރެ މާބޮޑު ނިޢުމަތެއް ކަމަށެވެ. އެގޮތުން އެތަނުގެ ތިން ރަށް ފަތުރުވެރިކަން ކުރާ ރިސޯޓްތަކަށް ބަދަވުގެން ދިއުމުން، ރަށުގެ އެތަކެއް ޒުވާނުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގެސްޓް ހައުސްތަކާއި އެހެންވެސް ގޮތް ގޮތުން އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހިގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދެކޮމަންޑޫ ގުޅުވާލުމުން ވޭތުވެދިޔަ 50 ވަރަކަށް އަހަރު ކޮމަންޑޫ ރައްޔިތުންނަށް ގެއްލިފައިވާ ތަރައްޤީތައް އަންނާނީ މަތިމައްޗަށް ބަރުތީލަވެގެން ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމްގެ ވަނީ ރައްޔިތުން ތިބީ ތަރައްޤީއާ ރައީސް ޞާލިޙާއެކުކަން ހާމަކޮށްދިނުމަށް އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދު ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދިނުމަށް އެދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭނުގެ ފޯރި ގަދަވެފައިވާއިރު، އެ ދާއިރާ އަށް ވާދަ ކުރާ ތިންޕާޓީންވެސް ދަނީ ފޯރިގަދަ ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރައްވާ އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.

މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް