ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ސްޓޫޑިއޯ ފަޅާލައި އެތަނުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ޢާންމު ފަރާތެއްގެ އެހީތެރިކަމާއެކު ފެނިއްޖެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފިއެވެ.
ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ވިދާޅުވީ ފެނިފައިވަނީ "ރޮނިން އާރްއެސް ޓޫ" ކަމަށެވެ. އަދި އެ ފެނުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު ފަސް ސަތޭކަ ރުފިޔާއަށް ވިއްކަން އުޅެނިކޮށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ މައުލޫމާތުު ދިނީ ދިވެހި ކުއްޖަކު ގުޅާފަ. އޭނަ ބުނީ ބަންގްލަދޭޝް މީހަކު ރޮނިން އާރްއެސް ޓޫ އެއް ވިއްކަން އުޅޭ ކަމަށް. އަދި އެއީ ތިޔަ ސްޓޫޑިއޯ (ޑާކް ރެއިން) އިން ގެއްލިގެން ސޯޝަލް މީޑިއާ ގައި ޖަހާފައިވާ އެތިކަމަށް. ދެން އަޅުގަނޑުމެން އެ ބޭރުމީހާ ގާތު އެހީމަ ބުނީ އޭނާއަށް ވެސް ވިއްކީ އެހެން ދިވެހި މީހެއް ނުވަތަ ބަޔަކު ކަމަށް. އަދި އޭނާ އެ ގަތީ 500 ރުފިޔާ އަށް ކަމަށް" މޮގާ ވިދާޅުވިއެވެ.
އެމީހާ އެ ވިއްކަން އުޅުނީ ވަރަށްބޮޑު އަގުގައި ކަމަށް ވެސް މޮގާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ އަގެއް ހާމައެއް ނުކުރެއެވެ.
މޮގާ އިތުރަށް ވިދާޅުވީ އެ ވަށްކަމުގައި ޝާމިލުވާ އަސްލު މީހުން އަދިވެސް ނުފެންނަ ކަމަށާއި ނަމަވެސް އުއްމީދަކީ މިހާރު ނުފެނިހުރި ތަކެެއްޗާއި ވައްކަންކުރި މީހުން ވެސް ފެނުން ކަމަށެވެ.
"ރޮނިން އާރްއެސް ޓޫ" ފެނުމުން އެކަމަށް އެހީތެރިވެދިން ފަރާތަށް އެ ސްޓޫޑިއޯގެ ހިފެހެއްޓުމެއް ޝުކުރު އަދާކޮށް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
https://twitter.com/DarkRainEnt/status/1487419622378725377
ޑާކް ރެއިން ސްޓޫޑިއޯ އިން ވައްކަން ކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެތަނުން ވަގަށްނަގާފައިވަނީ ދެ ’ރޮނިން އާރްއެސް ޓޫ‘ އާއި ސިގްމާ 50-100 އެމްއެމްގެ ލެންސެކެވެ.
ވަގަށްނަގާފައިވާ ތަކެތީގެ އަގު 40،000 ދިވެހި ރުފިޔާއަށް ވުރެން މަތީގައި އުޅޭ އިރު، ސްޓޫޑިއޯ ތެރެއަށް ވަދެފައިވަނީ ސްޓޫޑިއޯގެ ބިތްދޮށް ފަރާތުގައި ހުންނަ ގޮޅިއަކުން ކަމަށް މޮގާ ވަނީ ކުރިން ވިދާޅުވެފައެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ހައުސް އިން ބުނީ މި މައްސަލަ، ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅާފައިވާ ކަމަށާއި އެހެން އެއްޗެއް ވަގަށް ނަގާފައިވާކަން މިހައިތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ތަކެތިކަމަށް ބެލެވޭ އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ އެކަން ޑާކް ރެއިންއަށް ނުވަތަ ޑައިރެކްޓަރ އަދި ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ) އަންގައިދިނުމަށް އެދި ޑާކް ރެއިން އެންޓަޓެއިންމެންޓުން ޓްވީޓެއްވެސް ކޮށްފައިވެއެވެ. މިފަދަ އެއްޗެއް ވިއްކަން އުޅޭކަން އެނގިއްޖެނަމަ 7710003 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް