ސިޔާސީ ބޭނުމަށް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން އަށް ގޮވާލައިފިއެވެ.
އެގޮތުން ޔާސިރު ކުރެއްވި ޓްވީޓެއްގައި ވަނީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތެއްގައި ޕީޕީއެމްއިން ބޭނުންކޮށްފައިވާ ބޯޑުތަކެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯޖަހާފައި ވަނިކޮށް ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
އަދި އެޓްވީޓްގައި އޭނާ ވިދާޅުވީ، ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަޠަލެއް ކަމުގައެވެ. އަދި އެއީ ޚާއްސަކޮށް ކުޅުދުއްފުށީގެ ފަޚުރެއް ކަމުގައެވެ.
މީގެ އިތުރުން ސިޔާސީ ބޭނުމަށް އެ ޤައުމީ ބަޠަލުގެ ފޮޓޯ ބޭނުން ނުކުރުމަށް ރައީސް ޔާމިންގެ އަރިހުން ޔާސިރު އެދިލައްވާފައި ވެއެވެ. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު ކަމުގައި ޔާސިރު ފާހަގަކުރައްވާފައި ވެއެވެ.
ޝަހީދު ހުސައިން އާދަމް އަކީ 3 ނޮވެމްބަރ 1988 ދުވަހުރޭ ފަތިހު ރާއްޖެ އެރި ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢު ކުރެއްވުން މަތީ ސިފައިންގޭގެ މައި ގޭޓުގެ ޑިއުޓީއަށް ހުންނަވައި ޝަހީދުވެގެން ދިޔަ ދިވެހި ޤައުމު އެ ދަރިޔަކަށްޓަަކައި ތާއަބަދުމެ، ފަހުރުވެރިވާ ނަސްރުގެ ދުވަހުގެ ހީރޯއެވެ.
ޙުސައިން އާދަމް ޝަހީދުވީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުން ގޮސް، އަތުގައި އޮތް އޭކޭ ފޯޓީ ސެވެންގެ ބަޑި އާއި އެކު ޙަމަލާތަކުން ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމަށްޓަކައި ލިބިފައިވާ ހުނަރުގެ ބޭނުންކުރައްވާ ހިތްވަރު ކުރުންމަތީ ދެމިހުންނަވާ، އަތުގައި އެވަގުތު ހުރި ހުރިހާ ވަޒަނެއް ހުސްވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް