ކޯވިޑް ވެކްސިން އެންމެ އަވަހަށް ދޭން ޖެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ވެކްސިން ދިނުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) ގޮވާލައިފި އެވެ.
އިއްޔެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އިންޑިއާއިން ކޯވިޑް-19 އަށް އުފައްދާފައިވާ ވެކްސިން "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި އެވެ. އެ ހުއްދަ ދިނުމާއި އެކު ރޭ އެޗްއީއޯސީން ބުނީ މިހާރު ކުރިޔަށް ދަނީ ވެކްސިން ޖަހަން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.
އެމްއެމްއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިންއަށް އެމްއެފްޑީއޭއިން ހުއްދަ ދިނުމަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. އެމްއެމްއޭއިން ބުނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި ކޯވިޑްގެ ނުރައްކާ އެންމެ ބޮޑު ފަރާތްތަކަށް ވިހާވެސް އަވަހަކަށް ވެކްސިން ދިނުމަށް ގޮވާލާ ކަމަށެވެ.
ކޯވިޑްގެ ނުރައްކާތެރިކަން އެންމެ ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.
https://twitter.com/mma_mv/status/1354838907494359040
އިންޑިއާގެ ކޮވިޝީލްޑް ވެކްސިންއަށް އެމްއެފްޑީއޭއިން ދީފައިވަނީ ވަގުތީ ހުއްދަ އެކެވެ.
ވެކްސިން ޖެހުމުގެ ހުއްދަ ދިނުމުގެ ކުރިން އިނގިރޭސިވިލާތުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނާއި އިންޑިއާގައި އުފައްދާ ވެކްސިނުގައި ތަފާތެއް ހުރިތޯ ބެލި އެވެ. ދެން ބެލީ އެ ވެކްސިން އިން ލިބޭ ރައްކާތެރިކަމާއި ވެކްސިން ޖެހުމުން ލިބޭ ސައިޑް އިފެކްޓުތަކުގައި ތަފާތެއް ހުރޭތޯ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
އިތުރަށް ބެލި ކަންކަމުގެ ތެރޭގައި އިންޑިއާގައި ކޮވިޝީލްޑު ވެކްސިން އުފެއްދި ކުންފުންޏާއި ގުޅޭ ކަންކަން ހިމެނެ އެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ ސީރަމް އިންސްޓިއުޓަކީ ޑަބްލިއުއެޗްއޯއިން ގަބޫލު ކުރާ މިންގަނޑަށް ވެކްސިނާއި ބޭސް އުފައްދާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ގިނަ ބޭސްތަކެއް ރާއްޖޭގައި ބޭނުން ކުރަމުންދާ ކކަމަށެވެ.
އަދި އެއީ ސިއްހީ ދާއިރާގެ ބޭސް އުފެއްދުމުގައި ދުނިޔޭގައި ނަން ހިނގާ ކުންފުންޏެއް ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް