މަކުނުދޫ، ބިލެއްފަހި، ތުޅާދޫ އަދި ވިލުފުށީގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަނީ

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ހދ. މަކުނުދޫ، ށ. ބިލެއްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ...

29 Jan 2021 | 17:35

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ހދ. މަކުނުދޫ، ށ. ބިލެއްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު އަޅާނެ ބަޔަކު ހޯދާށެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އެއާޕޯޓުތައް އަޅާން ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކަށް އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓު އެޅުމަށް އީއޯއައި ހުށަހެޅޭނެ އެވެ. މި މަސައްކަތަށް އެދި އީއޯއައި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00އެވެ.

ފިނޭންސް އިން ބުނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މި އެއާޕޯޓުތައް އަޅަން ނިންމާފައިވާ ހުރިހާ އަތޮޅެއްގައި އެއާޕޯޓު އެބަހުއްޓެވެ. އެގޮތުން މަކުނުދޫ އާއި އެއް އަތޮޅެއްގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު އަދި ކުޅުދުއްފުށީ އެއާޕޯޓު އެބައޮތެވެ. ބިލެއްފައްސާއި އެއް އަތޮޅެއްގައި ފުނަދޫގައި، ތުޅާދޫ އާއި އެއް އަތޮޅެއްގައި ދަރަވަންދޫގައި އަދި ވިލުފުއްޓާއި އެއް އަތޮޅެއްގައި ތިމަރަފުށީގައި އެއާޕޯޓެއް އޮވެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުން ގުޅާލުމަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މިހާރު ރާއްޖޭގައި 17 އެއާޕޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި ހަތަރު އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް