ތުއްތު ކުދިންގެ ސިކުނޑިއަށް ގެއްލުންތައް ލިބުމުގެ ފުރުސަތު އެންމެ ބޮޑީ އެކުދިންގެ އުމުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގަ އެވެ. ކުދިންނަކީ އެކުދިން ހެދި ބޮޑުވާ މާހައުލުގައި ކަންތައް ހިނގާ ގޮތާއި މީހުން ކަންތައް ކުރާގޮތް ވަރަށް އަވަހަށް ދަސްކުރާ ބައެކެވެ. އެހެންކަމުން އާއިލާއާއި ރައްޓެހިންގެ ފަރާތުން އޯގާތެރިކަމާއި އަޅައިލުންތެރިކަމާއި ސުލްހަވެރި ނަމޫނާ ސިފަތަކެއް ފެންނަ ކަމަށް ވާނަމަ ކުދިން ހެދިބޮޑުވުމުގައި ރަނގަޅު އަސަރުތަކެއް ކުރެއެވެ.
އުފަންވާއިރު ދަރިފުޅުގެ ސިކުނޑި އުފެދި މުޅިން ފުރިހަމައެއް ނުވާނެ އެވެ. ސިކުނޑި ފުރިހަމަޔަށް ބޮޑުވާން ތިން އަހަރު ދުވަސް ނަގާއިރު ހެދި ބޮޑުވާ ދުވަސްވަރު ކަންތައް ހިނގާގޮތަކުން މުޅި އުމުރުގައި ކުއްޖާ ކުރާ ކަންތައްތަކާއި ވިސްނާ ގޮތާއި އަމަލުކުރާ ގޮތަށް އަސަރުކުރެއެވެ. އެހެންކަމުން އުމުރުގެ ކުރީކޮޅު ހަމަނުޖެހުމާއި އަނިޔާ ތަޖުރިބާކުރާ ކުދިންގެ ސިކުނޑި ބޮޑުވާންޖެހޭ ވަރަށް ބޮޑު ނުވެ، ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
މާބަނޑު ދުވަސްވަރު މަންމައަށް ދިމާވާ ކަންތައްތަކުން ކުއްޖާގެ ސިކުނޑިއަށް އަސަރުކޮށްފާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ. މާބަނޑު ދުވަސްވަރު ހަމަނުޖެހުމާއި އަނިޔާ އަންހެންމީހާއަށް ތަހައްމަލް ކުރަންޖެހުމަކީ ސިކުނޑިން ގިނަ އަދަދަކަށް ސްޓްރެސް ހޯމޯން އުފެދޭނެ ކަމެކެވެ. އަދި އެ ހޯމޯންގެ އަސަރު ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ކުރާއިރު، ހިތްހަމަޖެހޭ ތަޖުރިބާތަކުން ރަނގަޅު އަސަރު ކުރާނެ އެވެ. ދަރިފުޅުގެ ފުރަތަމަ ތިން އަހަރުގައި ސިކުނޑި ބޮޑުވެއޭ ބުނުން ނިސްބަތްކުރަނީ ސިކުނޑީގެ ހުރިހާ ސެލްތަކެއް އެކަތި އަނެކައްޗާއި ގުޅުމެވެ.
ކުޑަކުދިން ހެޔޮގޮތުގައި ބޮޑުވުމަށް ހިތްވަރުގަދަ ރަނގަޅު މީހުންގެ ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ. އެ ދުވަސްވަރު ނިންމާ ނިންމުންތަކާއި އިހުތިޔާރުކުރެވޭ ކަންކަމުގެ އަސަރު ދާއިމީ ގޮތެއްގައި ދަރިފުޅުމެންނާ އެކު ހުރެއެވެ. އެހެންވީމާ ކުޑަ ދަރިފުޅުގެ ސިކުނޑި މޮޅޫކުރާނެ ރެސިޕީ އެނގޭހެއްޔެވެ؟
ކުޑަކުދިންނަކީ އެހެންމީހުންގެ ފަރާތުން ސަމާލުކަން އަަދުވެސް ބޭނުންވާ ބައެކެވެ. ދަރުފުޅޫ ކަމެއް ކުރާނަމަ އެކަމަކަށް ހިތްވަރުދީ، ލޯބިން ގާތްކޮށް ބައްދާ ހަދާލުމަކީ ކުދިން އުފާވާނެ ކަންކަމެވެ. ހާޢްސަ ގޮތެއްގައިކުއްޖާ ބޮޑުވަމުން އަންނަ އިރު ގިނަ ކަންކަން ފޮރުވުމުގެ ބަދަލުގައި ކުއްޖާ ޝައުގުވެރިވާ ފަދަ ގޮތަކަށް ކަންކަން ކިޔައިދީ ދަސްކޮށްދިނުމާއި، ތަދު ނުވަތަ ދެރަ އިހުސާސްކުރެވޭ ވަގުތުތަކުގައި އަޅާލައި ހިތްހަމަޖައްސާލަން ވާހަކަ ކިޔައިދިނުމާއި ފޮތް ކިއުމާއި، ހީސަމާސާކޮށް ސަކަރާތްޖެހުން ފަދަ ކަންކަމަކީ ދަރިފުޅުގެ ސިކުނޑިއަށް ޕޮޒިޓިވް ވިސްނުން ލިބި ސިކުނޑި ތަރައްގީވާނެ ކަންކަމެވެ.
ދަރިފުޅުގެ ކުރިމަތީގައި ޒުވާބުކޮށް ތަޅައި އަނިޔާކޮށް ހަދާނަމަ ކުދިންގެ ސެލްތައް ގުޅީ އުފެދެނީ ނުރަނގަޅޫ ގޮތަކަށެވެ. ކުއްޖާ އަށް ހިތްހަމަ ނުޖެހޭ ތަޖުރިބާތަކެއް ކުރެވޭނަމަ ސިކުނޑި ތަރައްގީވުމަށް ހުރަސް އަޅާފަދަ ހޯމޯންތައް އެންމެ ކުޑައިރުއްސުރެވެސް އުފެދެން ފަށާނެ އެވެ. އޭގެ ސަބަބުން ކުއްޖާއަށް ކިޔެވުމާއި ދަސްކުރުމުގައި ދަތިތައް ކުރިމަތިވެ އެވެ. އަދި ރުޅިއާއި އެހެނިހެން އިހުސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވެ، މީހުންނާއި އެކު ގުޅިގެން އުޅެން އުނދަގޫވެ އެވެ.
އެހެންވީމާ ދަރިފުޅު މޮޅު ކުއްޖަކަށް ހަދަން ބޭނުންނަމަ އެކަމަށް ތައްޔާރުވާން ފަށަންވީ ކުއްޖާ ސްކޫލަށް ވައްދާވަރު ވުމުންނެއް ނޫނެވެ. އޭގެ ބަދަލުގައި ކުއްޖަކު ހޯދަން ހިޔާލުކުރުމުގެ މާކުރިން ކުއްޖާއަށް އެކަށޭނަ ރައްކާތެރި މާހައުލެއް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރުކުރުން މުހިއްމެވެ. ހަނދާން ބަހައްޓަންޖެހޭ ކަމަކީ ދަރިންނަށް އަނިޔާ ލިބެނީ ހަމަ އެކަނި ޖަހައިގެން ނޫންކަމެވެ. ނަފްސާނީ އަނިޔާ އަކީ މާ ވޭންހުރި އަނިޔާއެއް ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް