ޑަބްލިއުއެޗްއޯއިން ކޮވިޝީލްޑަށް ހުއްދަ ދެންދެން މަޑުކުރާ ވާހަކައެއް ނުދައްކަން!

އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑު ވެކްސިން ރާއްޖޭގައި ބޭނުން ކުރާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އެ ވެކްސިނަށް ހުއްދަ ދިނުމުން ކަމަށް ބުނެފައި ނުވާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕ...

28 Jan 2021 | 19:50

އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑު ވެކްސިން ރާއްޖޭގައި ބޭނުން ކުރާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އެ ވެކްސިނަށް ހުއްދަ ދިނުމުން ކަމަށް ބުނެފައި ނުވާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިން އަކީ އިންޑިއާގެ ސީރިމް އިންސްޓިޓިއުޓުގެ އުފެއްދުމެކެވެ. ކޮވިޝީލްޑް އަކީ އިނގިރޭސި ވިލާތުގެ އޮކްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނިކާ ވެކްސިނެކެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުބީ ކުރިންވެސް ބުނެފައިވާނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ވެކްސިނެއް ނޫނީ ރާއްޖޭގައި ނުދޭނެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޝީލްޑަކީ ޑަޑްބިއުއެޗްއޯގެ މިންގަނޑަށް ފެތޭ ވެކްސިނެއް ކަމަށެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ އަކީ ޑަބްލިއުއެޗްއޯއިން ސެޓިފައިކޮށްފައިވާ އެޖެންސީއެއް  ކަމަށެވެ. އެތަނުން ވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާ ވެކްސިނަށް ހުއްދަ ދީފައި ކަމަށެވެ.

ބްރިޓިޝް މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓުން އޮކްސްފޯޑް އެސްޓްރަޒެނެކާ ވެކްސިނަށް ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ވެކްސިން ލިބުމާއި އެކު ރާއްޖޭގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އިނގިރޭސިވިލާތުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނާއި އިންޑިއާގައި އުފައްދާ ވެކްސިނުގައި ތަފާތެއް ހުރިތޯ ބެލި ކަމަށެވެ. ދެން ބެލީ އެ ވެކްސިން އިން ލިބޭ ރައްކާތެރިކަމާއި ވެކްސިން ޖެހުމުން ލިބޭ ސައިޑް އިފެކްޓުތަކުގައި ތަފާތެއް ހުރޭތޯ ކަމަށެވެ.

އިތުރަށް ބެލި ކަންކަމުގެ ތެރޭގައި އިންޑިއާގައި ކޮވިޝީލްޑު ވެކްސިން އުފެއްދި ކުންފުންޏާއި ގުޅޭ ކަންކަން ހިމެނެ އެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ ސީރަމް އިންސްޓިއުޓަކީ ޑަބްލިއުއެޗްއޯއިން ގަބޫލު ކުރާ މިންގަނޑަށް ވެކްސިނާއި ބޭސް އުފައްދާ ކުންފުންޏެއް ކަމަށެވެ.

އަދި އެއީ ސިއްހީ ދާއިރާގެ ބޭސް އުފެއްދުމުގައި ދުނިޔޭގައި ނަން ހިނގާ ކުންފުންޏެއް ކަމަށް ބުނެ އެވެ.

އެޗްއީއޯސީން ބުނީ ފުޑް އެންޑް ޑްރަގް އޮތޯރިޓިން ހުއްދަ ދިނުމާއި އެކު ވެކްސިން ޖެހުމުގެ ކަންކަން އަވަހަށް ފެށޭނެ ކަމަށެވެ. އަދި މިހާރު ވަމުން ދަނީ ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް