ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފަށައިފި

ސައިކަލް ޓެކްސީގެ ހިދުމަތް ރަސްމީކޮށް މިއަދު މާލޭގައި ދޭން ފަށައިފި އެވެ. މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ކުންފުންޏަކީ "ސްކޫޓެކްސީ" އެވެ. އެ ކުންފުނިން 20 ސައިކަލެއްގައި ޓެކްސީ ކޮށްދޭއިރު އޭގެ ތ...

29 Jan 2017 | 16:04

ސައިކަލް ޓެކްސީގެ ހިދުމަތް ރަސްމީކޮށް މިއަދު މާލޭގައި ދޭން ފަށައިފި އެވެ.

މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ކުންފުންޏަކީ "ސްކޫޓެކްސީ" އެވެ. އެ ކުންފުނިން 20 ސައިކަލެއްގައި ޓެކްސީ ކޮށްދޭއިރު އޭގެ ތެރެއިން ހަތަރު ސައިކަލަކީ އަންހެން ޑްރައިވަރުން ދުއްވާ އަންހެނުންނަށް ހާއްސަ ސައިކަލުތަކެވެ. އެ ކުންފުނީގެ ހިދުމަތް ހޯދަން ގުޅަންޖެހެނީ 8080 ނުވަތަ 7758080 ށެވެ.

ރާއްޖޭގައި ސްކޫ ޓެކްސީގެ ހިދުމަތްދޭ ޓްރާންސެޓޯ ކުންފުންޏަކީ ޔޫރަޕްގައި ސައިކަލް ޓެކްސީގެ ހިދުމަތްދޭ ސްކޫ ޓެކްސީއާއި ގުޅިގެން މި ހިދުމަތް ދޭ ބައެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް ވިދާޅުވީ އެ ކުންފުނިންވެސް ހިދުމަތްދޭނީ ޔޫރަޕްގައި ސްކޫޓެކްސީން މި ހިދުމަތްދޭ އުސޫލުން ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ޑިމާންޑު އޮތްވަރަށް ހިދުމަތް ފުޅާ ކުރަމުންދާނެ ކަމަށެވެ.

މާލޭގައި ޓެކްސީ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ތައާރަފު ކުރި މި ހިދުމަތުގެ އަގު 10 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަމަށް މި ހިދުމަތް ދޭ ކުންފުނިން ބުނެ އެވެ. ސައިކަލް ޓެކްސީތަކުގެ ނަމްބަރު ބޯޑްތައް ރީންދޫ ކުލާގައި ހުންނައިރު ޑުރައިވަރުން ތިބެނީ އޮރެންޗް ޖެކެޓެއް ލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް