ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ހަފްތާތެރޭގައި އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންނަވަން ހަމަޖެހިފައިވާ ކަމަށް މިއަދު އެމްޑީޕީން ބުނެފި އެވެ.
އެކަމަކު އިއްޔެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ނަޝީދު ލަންކާއަށް ވަޑައިގެންނަވާ ވާހަކައިގަ އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި ވަޑައިގެންނަވާނަމަ ކުރީގެ ރައީސް ނަޝީދުގެ އޮފީހުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
އެހެން ވިދާޅުވެފައި ވަނިކޮށް މިއަދު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީގެ މެންބަރުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުން އޮންނާނެ ކަމަށެވެ. އަދި އެ ބައްދަލުވުން އޮންނާނީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ބެރްޖަޔާ ހޮޓަލުގައި ކަމަށެވެ.
އަދި ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވުމަށް އެދިފައިވެ އެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 4:00 ން 6:00 އަށް ކަމަށެވެ
މައުލޫމާތު ލިބިފައިވާގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމްޑިޕީ އާއި އިދިކޮޅު އިއްތިހާދުގެ އިސްވެރިން ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ. އެކަމަކު އެމްޑީޕީން އިއްޔެ މި ވާހަކަ ދޮގު ކުރީ ކީއްވެ ކަމެއް ނޭނގެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް އެމްޑީޕީން މައުލޫމާތު އާންމު ކުރަމުންދަނީ އިދިކޮޅު އިއްތިހާދުގެ ވެރިން ރާއްޖެއިން ފުރުން މަނާކޮށްފާނެ ކަމަށް ބަލާފައި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގެންނަވާ އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފުގެ ޕާސްޕޯޓު އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް