މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނައުމަށް، އއ މަތިވެރި ސްކޫލުގެ ޕްރައިމަރީ ޓީޗަރަކަށް އަންގައިފި އެވެ. މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނައުމަށް އަންގާފައިވަނީ އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރު އާއިޝަތު ޝުޒީ އަށެވެ.
އެ ޓީޗަރަށް އެކަން އެންގުމަށް އަންގައި އެޑިއުކޭޝަން މިނިސްޓްރީގެ ލީގަލް އޮފިޝަރ ހުސައިން މުހައްމަދު ހަނީފް ސޮއި ކުރައްވާ އެ ސްކޫލަށް ފޮނުވާފައިވާ ފެކްސް މެސެޖްގެ ކޮޕީއެއް ދުވަހަށް ލިބިފައިވާއިރު އެ ފެކްސް މެސެޖްގައި ބުނެފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ "ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުނގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައެވެ" މިގޮތަށް ކަމަށެވެ.
"ވީމާ، ތިޔަ ސްކޫލުގެ ޕްރައިމަރީ ޓީޗަރު އާއިޝަތު ސުޒީ މޫނު ނިވާކޮށްގެން ސްކޫލަށް ހާޒިރުވާނަމަ، ކާކުކަން އެނގޭފަދަ ގޮތަކަށް ސުކޫލަށް ހާޒިރުވުމަށް އޭނާއަށް އެންގެވުން އެދެމެވެ" އެ ފެކްސް މެސެޖްގައި ބުނެފައި ވެ އެވެ.
މި ފެކްސް މެސެޖާއި ގުޅިގެން ޝުޒީ އަށް އަނގަބަހުން ނަސޭހަތް ދިން ކަމުގެ ލިޔުމުގެ ކޮޕީއެއްވެސް ދުވަހަށް ވަނީ ލިބިފަ އެވެ. އެ ލިޔުމުގައި ބުނެފައިވަނީ ސްކޫލަށް ހާޒިރުވާއިރު ސިވިލް ސާވިސްގެ ގަވާއިދުގާ ބުނާގޮތަށް ހެދުން އެޅުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މި މައްސަލައިގާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދިއުމަށް އަންގާފައިވާ އާއިޝަތު ޝުޒީ ދުވަހަށް މައުލޫމާތު ދެމުން ބުނީ އެ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާތާ މިހާރު ހަތް އަހަރު ވެފައިވާކަމަށާއި މިދިޔަ އަހަރުވެސް ކިޔަވައިދިނީ މޫނު ބުރުގާ އަޅައިގެން ކަމަށެވެ.
"މި އަހަރު ޗުއްޓީއެއްގެ ހުރެފަ މި މަހުގެ 24 ގަ ނިކުތީ، ޕްރިންސިޕަލް ގެންގޮސްފަ ބުނުއްވީ ދަރިވަރުންނަށް ކިޔަވައިދޭއިރު ކާކުކަން އެނގޭފަދަ ގޮތަކަށް އައުމަށް" ޕްރައިމަރީ ޓީޗަރު ބުންޏެވެ. ޓީޗަރު އިތުރަށް ބުނީ ސްކޫލުން ކަނޑާލަންދެން ސްކޫލަށް ދާން ނިންމާފައިވާކަމަށެވެ.
މި މައްސަލައިގާ ބަހެއް ހޯދާލުމަށް އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ސިރާޖަށް ގުޅާލުމުން ވިދާޅުވީ އެއްވެސް ކޮމެންޓެއް ދެއްވަން ބޭނުންފުޅު ނުވާކަމަށެވެ. މި މައްސަލައިގާ އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ހޯދާލަން މަސައްކަތް ކުރި ނަމަވެސް އަދި އެ މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެ އެވެ.
މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނައުމަށް ޕްރައިމަރީ ޓީޗަރަށް އަންގާފައިވާއިރު އެ އެންގުން އަންގާފައިވަނީ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ކަން ފާހަގަކޮށްލެވެ އެވެ. އެ ގަވާއިދުގެ ޗެޕްޓަރު 14 ގެ 145 ވަނަ މާއްދާގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުނގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް