ރާކޭޝް އަށް ފެނުނު ހުވަފެން ހަގީގަތަކަށް، "ކާބިލް" އިންޓަނެޓުގައި ލީކުކޮށްލައިފި

ފިލްމް "ކާބިލް" އާއި "ރައީސް" އެއްދުވަހެއްގައި ރިލީޒް ކުރުމުން ހީކުރި ވަރުގެ ކާމިޔާބީއެއް "ކާބިލް" އަށް ނުލިބޭތީ އެންމެ ބޮޑަށް ރުޅިއައިސްގެން އުޅެނީ އެ ފިލްމުގެ ޕްރޮޑިއުސާ ރާކޭޝް ރޯޝަން އެވެ. ރުޅިއައި...

29 Jan 2017 | 05:13

ފިލްމް "ކާބިލް" އާއި "ރައީސް" އެއްދުވަހެއްގައި ރިލީޒް ކުރުމުން ހީކުރި ވަރުގެ ކާމިޔާބީއެއް "ކާބިލް" އަށް ނުލިބޭތީ އެންމެ ބޮޑަށް ރުޅިއައިސްގެން އުޅެނީ އެ ފިލްމުގެ ޕްރޮޑިއުސާ ރާކޭޝް ރޯޝަން އެވެ.

ރުޅިއައި ކަންތައްތަކުގެ ތެރޭގައި ޝާރުކް ހާންގެ ފިލްމު އަޅުވަންދިން ސިނަމާ ގިނަވުމާއި އެއް ދުވަހެއްގައި ފިލްމު ރިލީޒް ކުރަން ޝާރުކް ނިންމި ނިންމުންވެސް ހިމެނެ އެވެ. މިހާރު އަނެއްކާ ރުޅިއައިސްގެން އުޅެނީ އިންޓަނެޓްގެ އެތައް ސައިޓެއްގައި "ކާބިލް" ލީކު ކޮށްލާފައިވާތީ އެވެ. އެވެސް މުޅި ފިލްމެވެ.

މީގެ ކުރިން ރާކޭޝް ވަނީ އޭނާއަށް އެތަން ހުވަފެނުން ފެނުނު ކަމަށް ބުނެފައި އެވެ. އެއީ އަސްލު ފެނުނު ހުވަފެނެއް ކަމެއް ނުވަތަ ބޮލީވުޑްގައި ފިލްމެއް ރިލީޒް ކޮށްފި ނަމަ ހުރިހާ ޕްރޮޑިއުސަރުން ހޭލާ ހުރެގެން ބަލާ ފިލްމު ލީކުވެގެން އުޅޭ ބިރުވެރި ހުވަފެނުގެ ވާހަކަ ކަމެއް ނޭނގެ އެވެ.

މިކަމާ ގުޅިގެން ރާކޭޝް ބުނެފައިވަނީ ފިލްމުތައް ލީކު ކުރުމުގެ ސަބަބުން ފިލްމު އުފައްދާ މީހުންގެ ވިޔަފާރިއަށް ހީނުކުރާވަރުގެ ގެންލުން ވަމުންދާ ކަމަށެވެ. އަދި މިކަން ހުއްޓޭނީ އެކަން ކުރާމީހުންނަށް އެހެން މީހުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވި އެކަން އަމިއްލައަށް ހުއްޓާލުމުން ކަމަށެވެ.

ބޮލީވުޑްގެ ފިލްމުތައް ލީކު ކުރާ މައްސަލައިގަ ފިލްމު އުފައްދާ ފަރާތްތަކުގެ އިނގިލި އަބަދުވެސް އަމާޒުވަނީ އެ ގައުމުގެ ސެންސަރު ބޯޑަށެވެ. އާންމުކޮށް ފިލްމު ރިލީޒް ކުރުމުގެ ކުރިން ލީކުކޮށްލާތީ އެވެ.

މިފަހަރުގެ ހާދިސާއާއި ގުޅިގެން އެ ބޯޑުގެ ޗެއާޕާސަން ބުނެފައިވަނީ ހިންދީ ފިލްމުތައް ލީކުވަނީ ދުބާއީން ކަމަށެވެ. އެއީ އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ބަދަލު ކުރެވޭ ފިލްމުތައް ދެގައުމަށް ފޮނުވަނީ ދުބާއީ މެދުވެރިކޮށް ކަމަށްވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް