ދިވެހިރާއްޖޭގެ ބާޒާރުން ގްރެނީ ސްމިތު އަދި ގާލާ އާފަލުފެނިފައިވާތީ ގްރެނީ ސްމިތު އަދި ގާލާ އާފަލު ވިއްކަން ނުބެހެއްޓުމަށް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަންގައިފި އެވެ.
އެމްއެފްޑއޭއިން މިއަދު ނެރުނު ފުޑް އެލާޓެއްގައި ބުނެފައިވަނީ ރާއްޖޭގެ މާކެޓުން ފެނުނީ ލިސްޓީރިއޯސިސް އިން ތަޣައްޔަރު ވެފައިވާ އާފަލު ބަންދުކުރި ކުންފުނި (ބިޑާރޓް ބްރަދާރސް) އިން ސަޕްލައި ކޮށްފައިވާ އާފަލުކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިކަމާއި ގުޅިގެން މިބާވަތުގެ އާފަލުތައް ފިހާރަ ތަކުގައި ވިއްކަން ހުރިތޯބެލުމާއި އަދިތަޙުލީލުކުރުމަށް ސާމްޕަލް ނަގަމުން ދާކަމަށެވެ.
އަދި މިބާވަތްތަކުގެ އާފަލުގެ ރައްކާތެރިކަން ކަށަވަރުވަންދެން އެމެރިކާގެ ގްރެނީސްމިތް (Granny Smith) އަދި ގަލާ (Gala)، މި ދެބާވަތުގެ އާފަލު ވިއްކަން ނުބެހެއްޓުމަށް އެންމެހާ ފަރާތްތަކަށްއަންގައަދި އެއްވެސް ފަރާތަކުން އެމެރިކާގެ މިބާވަތްތަކުގެ އާފަލު ބޭނުން ނުކުރުމަށްވެސް އިލްތިމާސް ކުރާ ކަމަށާއި އަދި އެމެރިކާގެ މިދެ ބާވަތުގެ އާފަލު ވިއްކަން ބަހައްޓާފައި ހުރިނަމަ ލަސްނުކޮށް މިއޮތޯރިޓީގެ ނަންބަރު 3014305 ފޯނަށް ގުޅުއްވައި އަންގަވައި ދެއްވުން އެދޭ ކަމަށް ހެލްތު އެލާޓުގައި ބުނެފައި ވެއެވެ.
ފުޑް އެލާޓުގައި އިތުރަށް ބުނެފައިވަނީ ނިއުޒީލެންޑް، ފްރާންސް އަދި އެހެން ޤައުމުތަކުން ގެނެސްފައިވާ ގްރެނީ ސްމިތް (Granny Smith)އަދި ގާލާ (Gala)އާފަލު ބޭނުން ކުރުމުން މިވަގުތު މިބަލީގެ ނުރައްކަލެއް ނެތްކަން ފާހަގަ ކުރާ ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާއްމުކޮށްވެސް ތާޒާ މޭވާ އަދި ތަރުކާރީ ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަށް ފަހު ބޭނުން ކުރުން މުހިއްމު ކަމަށެވެ. އަދި ލިސްޓީރިއޯސިސް ޖައްސާ ޖަރާސީމަކީ ފްރިޖްތެރޭގައި ވެސް އުފެދި، ގިނަ ވެދާނެ އެއްޗެއް ކަމުން މި ބަލިން ރައްކާތެރިވުމަށްޓަކައި ޤަވާޢިދުން ފްރިޖް ރަނަގަޅަށް ސާފުކުރުމާއި، ޕްރިޖަށް ކާއެއްޗެއްގެ ދިޔަ އެޅިއްޖެނަމަ ވަގުތުން ސާފުކުރުން މުހިއްމު ކަމަށްވެސް އެ އެލާޓުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް