ވ. ރަކީދޫގައި ސީރިއަސް ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ އިއްޔެ ފެނުނު ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލަ އާއި ގުޅިގެން މާލޭގައި މާދަމާ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
މި ހިނގާލުން އިންތިޒާމްކުރާ ފަރާތުން ބުނީ "އެގެއިންސްޓް ޗައިލްޑް އެބިއުސް" ގެ ނަމުގައި ހިނގާލުމެއް ބާއްވަނީ ކުޑ އިބްތިހާލް އާއި މެދު އޭނާގެ މަންމަ އާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ރަށު ކައުންސިލުން ވެފައިވާ އިހުމާލާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކަމަށެވެ.
ހިނގާލުމުގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި ކަމާ ގުޅުންހުރި މުއައްސަސާތައް ޒިންމާދާރު ކުރުވުމާއި އަނިޔާ ލިބެމުންދާ ކުދިން ސަލާމަތްކުރުން ހިމެނޭ ކަމަށް އެ ފަރާތުން ބުންޏެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 04:00 ގައި ރާޅުގަނޑު ސަރަހައްދުގައި އެވެ.
ސީރިއަސް ޒަހަމްތަކާއެކު އިބްތިހާލް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ މެންދުރު 11:45 ހާއިރު އެެވެ.
ރަކީދޫ ބައެއް މީހުންނާ އަދި އެރަށު ކައުންސިލުން ވެސް ބުނީ އިބްތިހާލް މަރުވީ އޭނާގެ މަންމަ އެކުއްޖާއަށް އަނިޔާކުރުމުން ކަމަށް ބެލެވޭ ކަމަށެވެ.
އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ފާހަގަކުރެވިއްޖެ ނަމަ އެ ފަރާތްތަކުގެ ތަހުގީގު ހިންގާ ޖިނާއީ ދައުވާ ކުރުމަށް އަމުރު ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން ވަނީ ވިދާޅުވެފަ އެވެ.
އިބްތިހާލްގެ މަރުގެ މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް