ވިލިމާލޭގައި މަރުވި މީހެއްގެ އާއިލާ މީހުން ކަށު ނަމާދަށް ސަހަރާއަށް ދިޔަވަގުތު ބަލައި އެގެއަށް ވަދެ ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެއްޗެއްހިތަކެއް ހިފައިގެން އެގެއިން ނުކުތްތަން ފުލުހުންނަށް ފެނުމާއެކު އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެރޭ ދަންވަރު 02:05 ހާއިރު ވިލިމާލޭގައި ހުންނަ މަސްކައްކާ ސަރަޙައްދު އަތިރި މަތިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހުރި ސަރަޙައްދު ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ އައިޕެޑެއް އެސަރަޙައްދު ގަސްތަކުގެތެރެއިން ފެނުނު ކަމަށެވެ. މީގެ އިތުރުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޯނުތަކަކާއި ގަހަނާތަކެއް އޭނާގެ ޖީބުން ފެނިފައިވާކަމަށާއި މި މީހާއަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމާއި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް